ކުޑަ ކުދިންނަށް އުފާވެރި ރައްކާތެރި މާހައުލެއްގައި ފޮތް ކިޔައިދިނުމަކީ ހުނަރެއް ކަމަށް އަރޓްސް ކަލްޗަރ އެންޑް ހެރިޓެޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ އެންމެ ކުޑައިރުއްސުރެ ކުދިންނަށް ފޮތް ކިޔުމުގެ އާދަ ދަސްކޮށްދިނުމަކީ މައިބްފައިންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް ބޮޑު ވާޖިބެއް ކަމަށެވެ.
ކުޑައިރުއްސުރެ ކުދިން ފޮތާއި ރައްޓެހި ކޮށްދީފިނަމަ މުޅި އުމުރުގައިވެސް އެކުދިން ފޮތް ކިޔާހިތް ވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކުދިންނަށް ފޮތް ކިޔައިދިނުމަށް ދުވަހުގެ ކޮންމެވެސް ގަޑިއެއް ހުސްކޮށް ފޮތް ކިޔައިދެން ވާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ކުދިންނަށް ފޮތް ކިޔައިދިނުމަށް ދުވަހުގެ ކޮންމެވެސް ގަޑިއެއް ހުސްކޮށް ފޮތް ކިޔައިދެން އާދަކޮށްފިނަމަ އެ ކުދިން ފޮތާއި ދުރު ނުވާނެ، ފޮތް ކިޔަން އާދަ ވާނެ، އަދި އޭގެ ސަބަބުން އެކުދިންގެ ދިރިއުޅުމަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ.އަރޓްސް ކަލްޗަރ އެންޑް ހެރިޓެޖް މިނިސްޓަރު ޔުމްނާ މައުމޫން
މި ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާއާއި އެކު ބައިވެރި ވެޑައިގެންނެވީ އަރޓްސް ކަލްޗަރ އެންޑް ހެރިޓެޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހުސިނެވެ.
ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އަލުން ހުޅުވާފައިވަނީ ގާތްގަނޑަކަށް އަށް މަސް ދުވަހަށް ބަންދުކޮށްފައި އޮތުމަށްފަހު އެތަނުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްފަހުއެވެ.