އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު އެމަޤާމަށް ނަން ހުށަހަޅާފައި ވަނީ ނުވަ ފަރާތަކުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިހިނގާ ޖުލައި މހުގެ 10 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ މުއްދަތު މިމަހުގެ 22 އަށް ހަމަވާތީއެވެ.
ރައީސް އޮފީހުން ކޮށްފައިވާ އިއުލާންގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 35 އަހަރު ފުރިފައިވާ ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 7 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.
މި ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަން ކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ.