ކ. މާލެ
|
18 ޖުލައި 2019 | ބުރާސްފަތި 10:38
ކަރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން - ބީއެމްއެލް އިން ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ދައުވާކޮށްފައި
ކަރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން - ބީއެމްއެލް އިން ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ދައުވާކޮށްފައި
ރައީސް އޮފީސް
ސިވިލް ކޯޓު
ބީއެމްއެލް އިން އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ދައުވާކުރީ މައުލޫމާތެއް ދިނުމަށް އެދުމުން!
ޑިސްޕިއުޓް މަރުހަލާ ތާވަލް ކޮށްފައިވަނީ މިއަދު މެންދުރު ފަހު 1:00
އެކައުންޓުތަކުގެ ތަފްސީލު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅައި ދިނުމަށް ކޯޓުގައި އެދިފައިވާނެ
އެކައުންޓެއްގެ މައުލޫމާތު ހޯދުމަށް އެދުމުން އަބަދުވެސް ގާނޫނީ ލަފާ ހޯދާ

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށް އެއްބާރުލުން ނުދީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޮމިޝަނުން ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ބީއެމްއެލުން ދައުވާ ކުރަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ބީއެމްއެލް އިން އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 އަށެވެ.

މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލް ހާޒިރު ކުރުމުން އެ ބޭންކުގެ ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ތަހުގީގީ އެއްވެސް އިދާރާއަކަށް ކޯޓުއަމުރެއް ނެތި މައުލޫމާތު ދިނުން ހުއްޓާލާފައިވާ ކަމަށާއި އެގޮތަށް ނިންމެވީ ބޭންކުގެ ގާނޫނީ ލަފާ އާއި އެކުގައި ކަމަށެވެ. ނަމަވެސް އޭގެ ކުރިން ތަހުގީގީ އިދާރާތަކަށް ބޭންކުން މައުލޫމާތު ދީފައިވެ އެވެ.

ބީއެމްއެލް ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން ސުވާލު ކުރުމަށެވެ.

ޝަރީފް ވިދާޅުވީ މައުލޫމާތު ނުދިނުމަށްކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާއި ހައިކޯޓުން މިއަހަރު ނެރެފައިވާ ގަޒިއްޔާއަކާއި ހަވާލާދީކަމަށެވެ. އެކައުންޓުތަކުގެ ތަފްސީލު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅައި ދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ބެލެވޭގޮތުގައި ބުރާސްފަތި ދުވަހު ސިވިލް ކޯޓަށް އެސެޓް ރިކަވަރީ ކޮމިޝަން ހާޒިރު ކުރަނީ ބޭންކުން އެކައުންޓްތަކުގެ މައުލޫމާތު ދެވޭނެ ގޮތްތައް ކަނޑައަޅައިދިނުމަށް އެދުމުން އެގޮތްތައް ކަނޑައެޅުމަށެވެ.

ޝަރީފު ވިދާޅުވީ ތަހުގީގީ އިދާރާއަކުން އެކައުންޓެއްގެ މައުލޫމާތު ހޯދުމަށް އެދުމުން ބޭންކުން އަބަދުވެސް ކަންތައް ކުރާ އުސޫލަކީ ގާނޫނީ ލަފާ ހޯދުން ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މައުލޫމާތު ދޭން އެދުމުން ވެސް އެގޮތަށް ކަންތައް ކުރެއްވި ކަމަށާއި ބޭންކުގެ ގާނޫނީ ޓީމުން ލަފާ ދިނީ ކޯޓު އަމުރެއް ނެތި އެގޮތަށް މައުލޫމާތު ދެވެން ނެތްކަމަށެވެ. އަދި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހައިކޯޓުން މިއަހަރު ނެރުނު ގަޒިއްޔާއާއި ހަވާލާދީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ އެހިސާބުން އެބޭފުޅުން އެ ފާހަގަ ކުރައްވަނީ އަޅުގަނޑުމެންގެ ބޯޑަށް މި އެނގެނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާ ނަންބަރު 2019/cA-26 ގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަކީ މިމާއްދާގެ (ހ) އިން އިސްތިސްނާ ހާލަތް ކަމަށް ބެލިނަމަވެސް އެ އިސްތިސްނާއެއް ބޭނުން ކުރަންވާނީ ގާނޫނުން ނުވަތަ ގަވައިދުން ކަނޑައަޅާފައިވާ އާންމު އިޖުރާއަތުން ބޭނުން ކުރަން ނުކުޅެދިއްޖެ ހާލަތެއް އެކަށީގެންވާ ސަބަބުތަކެއް ކަން ވަނީ ކަނޑައަޅުއްވާފަ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުމަކީ އެއަށްވުރެ މަތީ ކޯޓަކުން ނުވަތަ ގާނޫނަކުން ގެނެވޭ ބަދަލު ނުވަތަ އެނޫންގޮތަކަށް ކަނޑަނޭޅޭ ހިނދަކު މިބޭންކުން ތަބާވާންޖެހޭ ނިންމުމެއް ކަމަށާއި އެހެންވީމަ މިއީ އެހެން ޕްރޮސެސްއެއް ގެންދަންޖެހޭ ކަމަށް އެ މައުލޫމާތު. ބޭންކުން ނިންމަނީ އެސެޓް ރިކަވަރީ ކޮމިޓީއަށް މައުލޫމާތު ދޭން ބޭނުމޭ އެހެންވީމަ މި މައުލޫމާތު ދޭން ހުރި ހުރަސްތައް ނައްތާލާ މިމައުލޫމާތު ދެވޭނެ ގޮތަކީ ކޮބައިތޯ ބަލައި ކުރަންޖެހޭ ކަމެއް ކުރަން. އެހެންވީމަ އަޅުގަނޑުމެންވާނީ ކޯޓުގައި އެދިފައި ވާނީ އަޅުގަނޑުމެން މައުލޫމާތު ދޭން ބޭނުންވޭ އެހެންވީމާ ނުދޭކަށް ނޫން އަޅުގަނޑުމެން ބޭނުންވަނީ މިމައުލޫމާތު ދެވޭނެ ގޮތެއް ކަނޑައަޅާދޭށޭ.
ބީއެމްއެލްގެ ގެޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފު

ބޭންކުން މައުލޫމާތު ދޭން ހުއްޓާލުމުން އެންޓިކަރަޕްޝަން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި އަންގާރަ ދުވަހު ވިދާޅުވީއެގޮތަށް ބޭންކުން ހުއްޓާލުމުން ބަލަމުންދާ ކަރަޕްޝަންގެ މައްސަލަތަކުގައި ކުރިއަށް ދާން ބޮޑެތި ގޮންޖެހުންތަކާއި ދިމާވެފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިނަގާފައިވާ އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީ ތެރެއިން ހިންގާފައިވާއިރު އޭގެ އެއްވެސް ފައިސާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެ ޚިޔާނާތުގައި ބީއެމްއެލް އިން އިހުމާލުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އެ ބޭންކުން ވަނީ އިންކާރުކޮށްފައެވެ. އާދަޔާ ޚިލާފު މުއާމަލާތެއް ކުރާ ކަމުގައިވާނަމަ އެކަން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ (އެފްއައިޔޫގެ) ސަމާލުކަމަށް އަބަދުވެސް ގެންނަ ކަމަށާއި އެސްއޯއެފްގެ މުއާމަލާތް ސަމާލުކަމަށް ގެނެސްފައިވާނީ ހަމައެކަނި އެޔުނިޓަށް ކަމަށް ބޭންކުން ވަނީ އަންގާރަ ދުވަހު އޮތް ކޮމިޓީގައި ބުނެފައެވެ. ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ގާނޫނުތަކާއި ގަވައިދުތަކާއި ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް ހާޒިރުކުރި ކޮމިޓީގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު ވިދާޅުވީ އެ ބޭންކުން ދިފާއުގައި ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވިއަސް ބޭންކަށް ރެކިގަނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެއީ ވީކަމެއް ނުވާކަމަކަށް ހަދައިގެން އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވީ ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ހިންގާފައިވާ ބޮޑު ވައްކަމެއްކަމަށް ޣަފޫރު ވިދާޅުވިއެވެ.

- ކޮމެންޓް