ފެނަކައިގެ މުދަލާ ފައިސާއިން ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް އިތުރަށް ހިންގުމުގެ ފުރުސަތު ނުދޭނެކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.
ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި އެ ކުންފުނިން ބުނެފައިވަނީ ފާއިތުވި އަހަރުތަކުގައި ކުންފުނީގެ ހިންގުމާ ހަވާލުވެތިބި ބޭފުޅުން ކުންފުނީގެ މުދަލާ، ފައިސާ އާއި މުވައްޒަފުން މެދުވެރިކޮށް ހިޔާނާތާއި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައި ވާކަމަށެވެ. އަދި މި އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިދޭންޖެހޭ ގިނަ ހިދުމަތްތަކަކުން ރައްޔިތުން މަހުރޫމް ވެފައި ވާކަމަށް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ. މި ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމައްޓަކައި މިހާރު ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް ބުރު އަރާފަދަ ގޮތްގޮތަށް އެ ބޭފުޅުންގެ އަމަލުތަށް ފޮރުވުމަށް މަސައްކަތް ކުރި ނަމަވެސް މި އަމަލުތައް ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ އަމަލުތައް ހިންގަވާފައިވާ ފަރާތްތަކާ ބެހޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތައް ކަމާބެހޭ އިދާރަތާ ހިއްސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާކަމަށާއި މިހާރު ކުންފުނީގެ ހަލަތާއި ބެހޭގޮތުން މީޑިއާގައި މި ބޭފުޅުން ހިއްސާ ކުރައްވަމުން ގެންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއްކަމަށް ފެނަކައިންވަނީ ބުނެފައެވެ.
ކުންފުނީގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ގެއްލުވާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށާއި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އޭގެ އެންމެ އެދެވޭ ގޮތުގައި އިހްލާސްތެރިކަމާ އެކު ރައްޔިތުންނަށް މަންފާކުރާނެ ގޮތަށް މެދުކެނޑުމެއްނެތި ފޯރު ކޮށްދޭނެކަމުގެ ޔަގީންކަން ވެސް ފެނަކައިން ވަނީ އަރުވާފައެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އުފައްދާފައިވަނީ 2012 ވަނަ އަހަރު ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ.