ބީއެމްއެލް އިން ދެއްކި ވާހަކަތަކާއި ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރ ނީޒާ އިމާދު އެދިވަޑައިގެންފިއެވެ.
ނީޒާ ބުދަ ދުވަހު މާލިއްޔަތު ކޮމެޓީގެ މުގައްރިރަށް ލިޔުއްވި ސިޓީގައި ވަނީ ބީއެމްއެލް އިން ދެއްކި ވާހަކަތައް ދޮގުކުރައްވާ، ކަން ހިނގައި ދިޔަ ގޮތުގެ ހަޤީޤަތް އެ ކޮމެޓީއަށް ސާފުކޮށްދެއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ބީއެމްއެލްގެ ވާހަކަތަކަށް ރައްދު ދެއްވައި ނިޒާ ވަނީ އަންގާރަ ދުވަހުގެ ރޭ ބަޔާނެއް ވެސް ނެރުއްވާފައެވެ. އެ ބަޔާނުގައި ނީޒާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވަމުން ދިޔައިރު އެ މުއާމަލާތްތައް ނުހިފަހައްޓަން ލަފާ ދީފައި ނުވާނެ ކަމަށެވެ. ނީޒާ އިތުރަށް ވިދާޅުވީ އެފަދަ ކަމަކާއި ގުޅިގެން ވަކިކަމައް ކުރުމަށް ބީއެމްއެލްއަށް އެއްވެސް ލަފައެއް ދީފައި ނުވާނެ ކަމަށެވެ.
އިތުރަށް ބަޔާނުގައި ވަނީ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިޔަށް ގެންދިޔަ ތަހުގީގަށް ވެސް މައުލޫމާތު ދީފައިވާނެ ކަމަށެވެ. އޭގެ އިތުރުން، ދައުލަތުގެ ކަމާއިގުޅޭ މުއައްސަސާތަކުން މިކަމާގުޅޭގޮތުން ބޭނުންވާ ހުރިހާ މައުލާމާތެއް ދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ވެސް ނީޒާގެ ބަޔާނުގައިވެއެވެ.
އަންގާރަ ދުވަހު މާލިއްޔަތު ކޮމިޓީގައި ބީއެމްއެލްގެ ފަރާތުން މައުލޫމާތު ދޭން ހާޒިރުވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި ބޭންކްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމިން އާދަމެވެ. ކޮމިޓީގެ މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެމުން ބީއެމްއެލްއިން ބުނީ އެސްއޯއެފްގެ އެކައުންޓްތަކުން އާދަޔާ ޚިލާފު މުއާމަލާތްތައް ހިންގަން ފެށި ހިސާބުން ދައުލަތުގެ ކަމާއިބެހޭ އިދާރާ ކަމުގައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރް) އެއް ތައްޔާރުކޮށްފައިވާ ފޮނުވާފައިވާނެ ކަމަށެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ އެސްޓީއާރް ފޮނުވީ ނޮވެމްބަރު 27، 2014 ގައި ކަމަށާއި، އެޔާއި ގުޅިގެން އޭރު ވަގުތީގޮތުން އެފްއައިޔޫ ހިންގެވުމާ ހަވާލުވެގެން ހުންނެވި ނީޒާ ލަފާދެއްވީ އެކައުންޓުން ކުރާ މުއާމަލާތްތައް ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށް ކަމަށެވެ. ނީޒާ އޭރު އެފްއައިޔޫއާ ހަވާލުވެވަޑައިގެން ހުންނެވީ އެތަނުގެ ވެރިޔަކަށް ހުންނެވި އާތިފް ޝަކޫރު ޗުއްޓީގައި ހުންނެވުމާއި ގުޅިގެންނެވެ.
ނީޒާ އިމާދަކީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.