ކ. މާލެ
|
17 ޖުލައި 2019 | ބުދަ 18:27
އެންއައިސީގެ މެމްބަރުންނާއި އެކު ބޭއްވުނު ބައްދަލުވުން
އެންއައިސީގެ މެމްބަރުންނާއި އެކު ބޭއްވުނު ބައްދަލުވުން
ރައްޔިތުންގެ މަޖިލިސް
އެންއައިސީ
ފުލުހުން އަނިޔާ ކުރާ މައްސަލަތަކުގެ ތަހުގީގުތައް ނިމެނީ ހެކި ނުލިބި: އެންއައިސީ
ވީޑިއޯތަކުގެ އަސްލު ބެލުމުގެ ޕްރޮސެސްގައި މީސްމީޑިއާއަށް ވީޑިއޯތައް އާންމުވާތީވެސް ތަހުގީގު ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ
މުޒާހަރާތަކުން ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު މައްސަލަތަކުގެ އޮބްޒަވޭޝަން ރިޕޯޓުތައް ހަދާފައިވާ ކަމަށް ވިދާޅުވި
2017 ވަނަ އަހަރުން ފެށިގެން އަހަރު ނިމެންދެން ފުލުހުންގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވޭ

ފުލުހުން އަނިޔާކުރާ މައްސަލަތައް ބެލި ފިޔަވަޅު އެޅިފައިނުވަނީ ހެކި ނުލިބޭތީ ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަދައްކަވަމުން އެންއައިސީގެ މެމްބަރު އަހުމަދު އަމީން ވިދާޅުވީ ގިނަ މައްސަލަތައް ތަހުޤީޤްކުރުމަށް ބޭނުންވާ ހެކި އެ ކޮމިޝަނަށް ނުލިބެ ކަމަށެވެ. ހެކި ލިބޭ މައްސަލަތައް ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެޓީ ބައްދަލުވުމުގައި އެންއައިސީގެ ރައީސް އަހްމަދު ސުލައިމާން ވިދާޅުވީ، އޯޑިއޯއާއި ވީޑިއޯތަކުގެ އަސްލު ބެލުމުގެ ޕްރޮސެސްގައި މީސްމީޑިއާއަށް ވީޑިއޯތައް އާންމުވާތީވެސް ތަހުގީގު ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭގެ އަސްލު ދެނެގަތުމަށް ހުރަސްއެޅޭކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

މުޒާހަރާތަކުގައި ނޫސްވެރިންނަށް ކުރަމުން ދިޔަ އަނިޔާތަށް ޓީވީ ތަކުން ވަގުތުން ދެއްކިއިރުވެސް އެ މައްސަލަތަށް އިސްނަގައިގެން ނަމަވެސް ނުބެއްލެވީ ކީއްވެތޯ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ ސުވާލު އުފައްދަވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މެމްބަރު އަހްމަދް އަމީން ވިދާޅުވީ، އެ ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރުން އެ މުޒާހަރާތައް ބައްލަވާ، އޮބްޒަވޭޝަން ރިޕޯޓުތައް ވެސް ހަދާވާފައިވާނެކަމަށެވެ. އަދި ނޫސްވެރިޔާ ހުސެއިން ހަސަނަށް އަނިޔާ ކުރި މައްސަލައަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭކަމަށެވެ.

އެންއައިސީގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ، 2017 ވަނަ އަހަރުން ފެށިގެން އެ އަހަރު ނިމެންދެން ފުލުހުންގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމަށް އިންކާރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބު އޮތް 2018 ވަނަ އަހަރު ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރު ކަމަށާއި އެދުވަސްވަރު ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ މަސައްކަތް ކުރަމުން ދިއުމުން ވެސް ތަހުގީގުތަކަށް ހުރަސް އެޅިފައިވާކަމަށް މެމްބަރު ވިދާޅުވީ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން ދެ ގަޑިއިރަށް ކުރިއަށް ގެންދިއުމަށްފަހު ވަނީ ސިއްރު ކޮށްފައެވެ.

- ކޮމެންޓް