ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކަށް ވުމަށް 40 އަހަރު ކަނޑައެޅުމުން އެކަމާއި ބާ ކައުންސިލްގެ މެމްބަރުން ޚިޔާލު ތަފާތުވެއްޖެ އެވެ.
ޖޭއެސްސީގެ ގާނޫނަށް އެ އިސްލާހު ހުށައަޅާފައިވަނީ މޫސާ ސިރާޖެވެ. ކުރިން ޖޭއެސްސީގެ މެމްބަރަކަށް ވެވެނީ އުމުރުން 25 އަހަރު ވުމުންނެވެ.
ބުދަ ދުވަހު އޮތް ޖުޑީޝަރީ ކޮމިޓީގައި ބާކައުންސިލްގެ ބައެއް މެމްބަރުން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކަށް ވެވޭ އުމުރު 40 އަހަރަށް މަތިކުރަން ކޮމިޝަގެ ގާނޫނަށް ގެނައި އިސްލާހާއި މެދު ޚިޔާލުތައް ހުށައަޅުއްވާފައެވެ. އެގޮތުން ބާ ކޮމިޝަންގެ މެމްބަރު މުހައްމަދު ފައިސަލް ވިދާޅުވީ ފަނޑިޔާރުންނަށް 25 އަހަރުން ފަނޑިޔާރުކަން ކުރެއްވޭކަމަށާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެވެނީ 30 އަހަރުގައި ކަމަށެވެ. އެހެންކަމުން ޖޭއެސްސީގެ މެމްބަރަކަށްވުމަށް 40 އަހަރު އެއީ އެހާ ތާއީދު ކުރައްވާ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
އުމުރަށް ބެލުމުގެ ބަދަލުގައި ގާނޫނީ ގޮތުން އޭނާ ވަކާލާތު ކުރުމުގެ ތަޖުރިބާއަށް ބެއްލެވުން ރަނގަޅުކަމަށް ދެކިލައްވާކަމަށް ފައިސަލް ވިދާޅުވިއެވެ. ޖޭއެސްސީގެ މެމްބަރުންނަށް ވެވޭނީ 40 އަހަރުގައި އޮތް އޮތުން ތަޖުރިބާއަށް ބަދަލުކޮށްދެއްވުމަށް ބާކައުންސިލްގެ ގިނަ މެމްބަރުން ވަނީ ތާއީދު ކުރައްވާ ޚިޔާލު ހުށައަޅުއްވާފައެވެ. އޭގެ ތެރޭގައި ބާ ކައުންސިލްގެ މެމްބަރު އަނަސް އަބްދުއްސައްތާރާއި އާއިޝާ ސުޖޫން މުހައްމަދާއި މުހައްމަދު އަސީލް ހަސަން ހިމެނިވަޑައިގަންނަވަ އެވެ.
ޖުޑީޝަރީ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ކެޔޮދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ 40 އަހަރު ކަނޑައެޅުމުގައި ވިސްނާފައިވަނީ ވޭތުވެދިޔަ 10 އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށާއި ބޭނުންވެލައްވަނީ މާޒީގައި ދިޔަ ކަންތައްތައް ރަނގަޅު ކުރުމަށް ކަމަށެވެ.
ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ އުމުރު 40 އަހަރަށް ބަދަލުކުރުން އެއީ ތާއީދު ކުރައްވާކަމެއްކަމަށެވެ. އަދި މާޒީގައި ކަންތައްތައް ހިނގައިދިޔަ ގޮތަށް ބަލާއިރު ފެނިގެންދިޔައީ ޒުވާނުން އެމަސައްކަތާއި ހަވާލުވުމުން މަންޒަރު ރަނގަޅުނޫންތަން ކަމަށާއި އެގޮތަށް ކޮމިޓީއިން ފާސްކުރީ އަމިއްލަ ފައިދާއަށް ނުދާނެފަދަ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެވޭނެފަދަ ފަރާތެއްކަމަށް ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ އުމުރު މަތިކުރަން ފާސްކުރީ ޖޭއެސްސީގައި އިންނަވާ މެމްބަރަކީ ތަޖުރިބާ ހުރި އަދި އެއުމުރުގައި އެއީ ކާކުކަން އެނގޭނެ ލެވެލްއަކަށް އޭނާގެ ދިރިއުޅުން ކުރިއަށްދާ މީހަކަށްވާނެތީކަމަށެވެ. ނަމަވެސް އެހެން ފަރާތްތަކުގެ ޚިޔާލު އަޑުއެހުމަށްފަހު ބަދަލުކުރަންޖެހޭނަމަ ބަދަލު ކުރެވިދާނެކަމަށް ހިސާން ވިދާޅުވިއެވެ.
މުޖުތަމައު ތެރޭގައި އޭނާ 40 އަހަރު ވާއިރު 10 އަހަރު 15 އަހަރު ވަންދެން ޕްރެކްޓިސް ކޮށްފައި ހުންނަ މީހެއް، ނުވަތަ އާންމު ރައްޔިތެއްގެ ފަރާތުން އަންނަ މީހެއް ކަމުގައިވާނަމަ މުޖުތަމައުތެރޭގައި އޭނާ 40 އަހަރު ވަންދެން ދިރިއުޅެމުން އައިސްސަ ހުރީމާ މުޖުތަމައުގެ ދެންތިބި މީހުންނަށް އެބަ އެނގޭ މީނައަކީ ކޮން ކަހަލަ އަޚުލާގެއްގެ ކޮން ކަހަލަ ކޮންޑަކްޓެއް ގެންގުޅޭ ކޮންކަހަލަ ވެލިއުޒްއެއް ގަބޫލުކުރާ މީހެއްކަން. އެއީ އަސްލު އުމުރު މަތިކުރަން ވިސްނި ވިސްނުމަކީ.
އުމުރުގެ އިސްލާހާއި މެދު ހިޔާލު ތަފާތުވިނަމަވެސް ޖޭއެސްސީގައި އިންނަވާ އެއްވެސް ވަކީލަކަށް ކޯޓުގައި ވަކާލާތު ނުކުރެވޭގޮތަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަށް ބާކައުންސިލްގެ މެމްބަރުން ވެސް ތާއީދު ކުރެއްވިއެވެ.
ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ ބާ ކައުންސިލުން އެންމެ އިސްކަމެއް ދޭނީ ވަކީލުންގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އަމާޒަކީ ވަކީލުން ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ޖޭއެސްސީގެ މެމްބަރުން ވަނީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. އެކަމާއި އެތަށް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ.