ރ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން، ހެލްތް މިނިސްޓަރ އަމީން އަބްދުﷲ އާއި ސުވާލު ކުރެއްވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ހެލްތް މިނިސްޓަރާއި ސުވާލު ކުރެއްވުމަށް ރ. މަޑުއްވަރީދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 17 ޖުލައިގައެވެ.
މިނިސްޓަރާއި ސުވާލު ކުރެއްވުމަށް މެމްބަރު ޝަރީފް ހުށަހަޅުއްވާފައިވަނީ މެމްބަރު ނިސްބަތްވެވަޑައިގަންނަވާ ދާއިރާ، ރ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުންނެވެ. ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި ގުޅޭ 3 ސުވާލެއް ވަޒީރާއި ކުރެއްވުމަށް މެމްބަރު ވަނީ ހުށަހަޅުއްވާފައެވެ. އެއީ ރ.މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ މިންވަރާއި، މި ކަމަށް މި އަހަރަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވޭތޯ އާއި، އަދި ހޮސްޕިޓަލަކަށް ބަދަލުކޮށް ޚިދްމަތް ދޭން ފެށޭނީ ކޮން އަހަރަކުތޯ ބެލުމަށެވެ.
މިނިސްޓަރާއި ސުވާލު ކުރެއްވުމަށް މެމްބަރު ޝަރީފް ހުށަހަޅުއްވާފައިވާއިރު، މަޖިލީހުން އެ މައްސަލައިގައި ބަލަންޖެހޭ ކަންތައްތަށް ބެލުމަށް ފަހު، ވަޒީރަށް މަޖިލީހުން އަންގާނެއެވެ. މަޖިލީހުން ވަޒީރަށް އެންގުމަށް ފަހު، ތައްޔާރުވެވަޑައިގަތުމަށް 14 ދުވަހުގެ ނޯޓިސް ވަޒީރަށް ލިބިވަޑައިގަންނަވާނެއެވެ.
އާ މަޖިލީހަށް އެކި ކަންތަކާއި ގުޅޭ ސުވާލުކުރެއްވުމަށް ސަރުކާރުގެ ގިނަ ވަޒީރުންތަކެއް ހާޒިރުކޮށް މެމްބަރުން ގެންދަވަނީ ސުވާލުކުރައްވަމުންނެވެ. މި ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާއަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ހާޒިރުކޮށްފައިވާއިރު، މިދިޔަ ހަފްތާގައި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ހާޒިރުކޮށް މެމްބަރުން ވަނީ ސުވާލުކުރައްވާފައެވެ.