ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިޔަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ، ހުކުމާއި ގުޅިގެން އެ ކުންފުނީގެ ހުށަހެޅުމަކަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް އެ މައްސަލަ އެޖެންޑާ ކޮށްފިއެވެ.
އެޓާރނީ ޖެނެރަލް އޮފީހުން ބުދަ ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ މައްސަލަ ސެޓްލްމަންޓް ކޮމިޓީއަށް އެޖެންޑާ ކުރީ ދީބާޖާ ކުންފުނީގެ ބޯޑުގެ 6 ޑިރެކްޓަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ގަރާރަކުން ނިންމައި، އެ އޮފީހަށް ހުށެހެޅުމުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒް ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މަޑުޖައްސާލުމަށް ދީބާޖާއިން އެ ކޯޓުގައި އެދިފައިވާ ކަމަށް އަންގާފައިވާ ސިޓީއެއް އޭޖީ އޮފީހަށް ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުގައި ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ.
ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ އޭޕްރިލް މަހުއެވެ. އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކޮށްދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސިވިލް ކޯޓުގައި މީގެ ކުރިން އެދިފައެވެ. ދީބާޖާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މޭ މަހުގެ 23 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އެ ކުންފުންޏަށް ފައިސާ ދައްކާނެ ގޮތް ސިވިލް ކޯޓަށް ހުށަހަޅަން ދައުލަތުން ވަނީ އެއްބަސްވެފައެވެ.
ދީބާޖާ އިންވެސްޓްމަންޓުގެ އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތަށް ދެން އިތުރު ފުރުސަތު ދޭން ނުފެންނަ ކަމަށެވެ. އަދި އެކަމުގައި ކޯޓުން ފެންނަ ގޮތަކަށް ގޮތެއް ކަނޑައަޅައި، ފައިސާ ދައްކަންޖެހޭ މުއްދަތުތައް ކޯޓުން ކަނޑައަޅައިދިނުމަށް އެ ޝަރީއަތުގައި އޭނާ ވަނީ އެދިވަޑައިގެންފައެވެ. އޭގެ ފަހުން ޖޫން މަހުގެ 13 ވަނަ ދުވަހަށް އަޑުއެހުމެއް ބާއްވަން ތާވަލުކުރި ނަމަވެސް ބާއްވާފައެއް ނުވެއެވެ.
އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ހިދުމަތް ދިނުމަށް އުފެއްދި ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.