ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތް އާއި ބައްދަލު ކުރައްވައިފިއެވެ.
ހޯމަ ދުވަހު ބޭއްވި މި ހާއްސަ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރު ޖަގްނައުތް އަށް ރަސްމީ ސިޓީފުޅެއް އަރުވާފައެވެ.
މީގެ އިތުރުން، ރާއްޖެއާއި މޮރިޝަސްއާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭ ގޮތުން، މިނިސްޓަރު ޝާހިދު އާއިބ ބޮޑުވަޒީރު ޖަގްނައުތް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެމަނިކުފާނު މޮރިޝަސް އަށް ކުރައްވަމުން ގެންދަވާ މި ރަސްމީ ދަތުރުފުޅަކީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯދުމުގެ ގޮތުން، ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު އާއެކު މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ މޮރިޝަސްގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި މޮރިޝަސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އާއިވެސް ބައްދަލު ކުރައްވާފައެވެ.