ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު ލޯންޗު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގާރަ ދުވަހު ދިއްގަރަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސްގެ ދަތުރުުފުޅާ ބެހޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް ސޯލިހު އަންގާރަ ދުވަހު ދިއްގަރަށް ކުރައްވާ ދަތުރުފުޅަކީ މަސްވެރިކަމުގެ ސިޔާސަތު ލޯންޗުކުރުމުގެ ގޮތުން ކުރައްވާ ދަތުުރުފުޅެއް ކަމަށެވެ. ރައީސް ދިއްގަރަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ހޫދު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިޔާސަތު ލޯންޗު ކުރުމަށް ރައީސް ދިއްގަރަށް ހޯމަ ދުވަހު ފުރާވަޑައިގަންނަވާއިރު އެމަނިކުފާނު ވަނީ ދާދި ފަހުން ރާއްޖޭގެ އެންމެ މަސްވެރިން ގިނަ އެއް އަތޮޅު ކަމަށްވާ ހުވަދޫ އަތޮޅަށް ޒިޔާރަތް ކުރައްވާފައެވެ. އެ އަތޮޅަށް ވަޑައިގެން ''ޖަޒީރާ ހޮޅުއަށީ'' ގައި ވާހަަކަފުޅު ދައްކަަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރަށަކުންވެސް މަސް ގަނެވޭނެ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ރައީސް މަސްވެރިންނަށް ވައުދުވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ދިވެހި މަސްވެރި އުޅަނދުތަކުން ރާއްޖެއިން ބާނާ މަސް ސީދާ ބޭރުގެ ގައުމުތަކަށް ވިއްކޭގޮތަށް މަސްވެރިކަމުގެ ބިލް، އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް ވަނީ ދާދި ފަހުން ފޮނުވާފައެވެ. އެ ބިލް ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާހައުލު ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.
އެ ބިލުގައި، މަސްވެރިކަން ކުރާ ދިވެހި އުޅަނދު ފަހަރުތަކުން، ބޭރުގެ މަސްވެރި އުޅަނދުތަކަށް މިނިސްޓްރީން ދޫކުރާ ހުއްދައެއް ލިބިގެން މަސް ވިއްކޭނެ އުޞޫލާއި، ދިވެހި އުޅަނދު ފަހަރުތަކުން މަސް ގަންނަން އަންނަ ބޭރުގެ އުޅަނދު ފަހަރުތަކުން ހުއްދަ ނަގަންޖެހޭނެ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމެއް ނެތި އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން (އައި.ޔޫ.ޔޫ. މަސްވެރިކަން) ހުއްޓުވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމަށް ބިލުގައި ބާރު އަޅާފައިވެއެވެ.
އޭގެއިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ހިފާ ބާވަތްތަކާއި މަސްވެރިކަން ކުރާ ބޭނުމާއި މަސްވެރިކަމުގެ ބާވަތް ކަނޑައަޅައި ގެޒެޓުގައި އިއުލާން ކުރަންޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވާނެއެވެ.