ލޭނު މަސްވެރިކަން ކުރުމުގެ އައު ގަވައިދާއެކު ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަތައް އަލުން ދޫކުރަން ފެށުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރުމާއި ގުޅޭގޮތުން މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ، ލޭނު މަސްވެރިކަމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަދުފަހަރުގެ ލައިސަންސް އިތުރަށް އާ ނުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މިނިސްޓްރީން ބުނިގޮތުގައި އެގޮތަށް ނިންމީ ލޭން މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރުމަށް މިހާރު އަމަލުކުރަމުންގެންދާ ގަވައިދުގައި ހުރި މައްސަލަތަކުގެ ސަބަބުންކަމަށެވެ. އަދި އެގޮތަށް ނިންމީ ރައްޔިތުންނާއި، މަސްވެރިންނާއި މަޝްވަރާކުރުމަށްފަހުގައިކަމަށްވެސް ފިޝަރީޒުން ބުންޏެވެ.
މިނިސްޓްރީން ބުނީ، "ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވައުދު" އާކޮށް ހަގީގީ ދިވެހި މަސްވެރިކަމެއްގެ ގޮތުގައި ލޭނުގެ މަސްވެރިކަމަށް ހުޅުވާލުމަކީ ސަރުކާރުގެ އަޒުމެއް ކަމަށެވެ.
ލޭނު މަސްވެރިކަމަކީ ބިދޭސީންނަށް ރާއްޖޭގައި ގާނުނީ ގޮތުން މަސްވެރިކަން ކުރުމުގެ ހުއްދަ އޮންނަ ހަމައެކަނި މަސްވެރިކަމެވެ. ލޭނުގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރުތަކުގެ ފަޅުވެރިންގެ 90 އިންސައްތަ ފަޅުވެރިންނަކީ ބިދޭސީނަށްވުމުގެ ހުއްދަ މިހާރު އަމަލުކުރަމުންދާ ގަވައިދުން ލިބިދެ އެވެ. މި އުޅަނދުތަކުގައި އެވްރެޖުކޮށް 8 ނުވަތަ 10 ފަޅުވެރިން ހަރަކާތްތެރިވާއިރު ކޮންމެ އުޅަނދަކުންވެސް މަސްވެރިކަމުގައި ހަރަކާތްތެރިވަނީ އެންމެ ދިވެއްސެކެވެ. މި އުޅަނދުފަހަރުތަކަށް ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 100 މޭލު ބޭރު ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދީފައިވާވެއެވެ.
ފިޝަރީޒުން ބުނީ، މިސަރުކާރުން ރިޔަސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވާލުމަށް ރައްޔިތުންގެ ހިޔާލު ހޯދިއިރު މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮތީ ލޭނު މަސްވެރިކަމަށް ސަރުކާރުން ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުގެ ވާހަކައާ މި އުޅަނދުތަކުގެ ސަބަބުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ކުރިމަތުވަމުން އަންނަ ދަތި ތަކުގެ ވާހަކަ ކަމަށެވެ. އަދި ލޭނު މަސްވެރިކަމުގެ އުޅަނދުތަކުން ގަވައިދާ ހިލާފު ގިނަ އަމަލުތަކެއް ކުރާކަމަށާއި އިންޑިއާ ކަނޑުގައި މަނާ ކޮށްފައިވާ "އެޓް ސީ ޓްރާންޝިޕްމަންޓް" ނުވަތަ ކަނޑުމަތީގައި އެއް އުޅަދުން އަނެއް އުޅަދަށް މަސް ބަދަލުކުރުމުގެ މަސައްކަތްވެސް މި އުޅަދުތަކުން ކުރާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަމަށް ބަޔާނުގައިވެއެވެ. އޭގެއިތުރުން ފޯސްޑް ލޭބަރ އާއި ހިއުމަން ޓްރެފިކިންގެ ހަރަކާތްތައް ވެސް މި އުޅަދުތަކުން ފެންނަކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ، މި އަހަރުގެ އޭޕްރީލް މަހު ޔޫރަޕިއަން ޔޫނިއަންގެ މެރިޓައިމް އެފެއާރސް އެންޑް ފިޝަރީޒްގެ ވަފުދުން ރާއްޖެއަށް ކުރި ދަތުރުގައި އެބޭފުޅުންވަނީ ރާއްޖޭގެ ލޭނު މަސްވެރިކަމުގައި ހުރި ގަަވައިދާ ހިލާފު ހަރަކާތްތައް ފާހަގަކޮށް އެ ކަންކަމުގެ ސަބަބުން އެއްވެސް ބާވަތެއްގެ މަސްވެރިކަން އިސްތިސްނާ ކުރުމެއްނެތި ދިވެހިރާއްޖޭގެ މަހާއި މަހުގެ ބާވަތްތައް ވަގުތުން ވަގުތަށް ޔޫރަޕަށް އެތެރެކުރުން ހުއްޓާލާ މިންވަރަށް ލޭނު މަސްވެރިކަމުގައި މައްސަލަތައް ހުރިކަމަށް އެ ފަރާތްތުން ފާހަގަކޮށްފައިވާކަމަށެވެ.