ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަރާތުން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ޑރ. ޕޫނަމް ވަނީ އާންމު ސިއްހަތުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ރާއްޖެއަށް ތައުރީފް ކުރައްވައިފައެވެ. އެގޮތުން މީސަލްސް އާއި މެލޭރިޔާ ފަދަ ބަލިތައް ނައްތާލުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
ސަރަޙައްދީ އެހެން ގައުމުތަކާ އަޅާބަލާއިރު ސިއްހީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެ ހޯދާފައިވާކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ޑރ. ޕޫނަމްއާ އެކު ބޭއްވި ބައްދަލުވުމުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ޖިއޮގްރަފީ ގޮތުން ރާއްޖެއަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ރާއްޖޭގެ އާންމު ސިއްހަތުގެ ދާއިރާއަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ދެމުން ގެންދާ އެހީތެރިކަން ކުރިޔަށް އޮތްތަނުގައިވެސް ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.