ކ. މާލެ
|
24 އޭޕްރިލް 2019 | ބުދަ 00:09
ބީއެމްއެލްގެ އިންޓަރންޝިޕް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބީއެމްއެލްގެ އިންޓަރންޝިޕް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމް
ބީއެމްއެލްގެ އިންޓަރންޝިޕް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފި
މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ފުރިހަމަ ކުރި 14 ބައިވެރިއަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައި
އަދި މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ހޮވުނު 15 ބައިވެރިއަކަށްވެސް ވަނީ އެޕޮއިންޓްމަންޓް ލެޓަރ ހަވާލުކޮށްފައި

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރންޝިފް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަކީ ކޮލެޖްތަކުގައި ތައުލީމީ ހާސިލްކުރަމުންދާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ބީއެމްއެލް އިން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އަންގާރަ ދުވަހުގެރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހާއްސަ ހަފްލާގައި މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ފުރިހަމަ ކުރި 14 ބައިވެރިއަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ހޮވުނު 15 ބައިވެރިއަކަށްވެސް ވަނީ އެޕޮއިންޓްމަންޓް ލެޓަރ ހަވާލުކޮށްފައެވެ. އިންޓަރޝިފް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބޭންކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އައިޝަތު ނޫރައްދީން އެވެ.

"ގައުމީ ޔުނިވާސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ހިންގާ ގްރެޖުއޭޓް އިންޓަރންޝިޕްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މެދުކެނޑުމެއްނެތި މި އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފެށޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ ފަހި ފުރުސަތު މިވަނީ ހުޅުވާލެވިފައި" އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މިއީ 'ބީއެމްއެލް ޕްރޮސްޕެކްޓް' ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، ބާރަ މަސްދުވަހުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ. މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތް ކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ވަނީ ކަނޑއެޅިފައެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފަހި ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ބީއެމްއެލް އިން ވަނީ ޖެހިޖެހިގެން ދެ އަހަރު ހޯދާފައެވެ.

- ކޮމެންޓް