ގެއްލިފައިވާ ފަނަރަ އަހަރު ހޯދުމަށްޓަކައި ރައްޔިތުން އެކީގައި ނިކުމެ މިތިބީ ތައްޔާރަށް ކަމަށާއި އޭޕްރިލް 6 ވަނަ ދުވަހު, މަހުޖަނުންގެ އަޅުވެތިކަމުން ތޮއްޑޫ ދާއިރާ މިނިވަންކޮށްފި ކަމަށް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ތޮއްޑޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން ޝިޔާން ވިދާޅުވެއްޖެއެެވެ.
އިންތިހާބުގައި ތޮއްޑޫ ދާއިރާ އިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ އެދާއިރާގެ ރައްޔިތުން ވަނީ ބަސް ބުނެ ގޮތް ނިންމާފައި ކަމަށާއި އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ވެރިކަން ނަގަހައްޓައި، ދެމެހެއްޓުމަށް ރައްޔިތުން ނިކުމެ ދިން ވޯޓަށް ނުހަނު ޝުކުރު ދަންނަވާ ކަމަށެވެ.
ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ މަސައްކަތް އަދި ކިރިޔާ ފެށުނީ ކަމަށާއި ދާއިރާއަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ. އަދި އަރިއަތޮޅުގެ ރައްޔިތުން ކަޅު ފާއިސާއަށް ނުގުޑާނެ ކަން މިހާރު ވަރަށް ސާފުވެއްޖެ ކަމަށާއި އެކަން އެ ރައްޔިތުން ސާބިތުކޮށްދީފައިވާ ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.
ރައްޔިތުން ކުރި އިތުބާރަށް ޝުކުރު ދަންނަވަމުން 19 ވަނަ މަޖިލީހުގައި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ރައްޔިތުންގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައި ދިނުމަށް މަޖިލީހުގެ ތެރެއިން ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ތިބޭފުޅުންގެ ހައްގުގައި މިދާއިރާގެ ހައްގުގައި، މި އަތޮޅުގެ ހައްގުގައި، މަހުޖަނުންނާ ދެކޮޅަށް ދައްކަންޖެހޭ ކޮންމެ ވާހަކައެއް ދެއްކުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ޝިޔާން ވިދާޅުވިއެވެ.
އިންކަމް ޓެކްސް އާއި އެންމެ ކުޑަ އުޖޫރަ ނެގުން ފަދަ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް މަޖިލީހުގެ ތެރެއިން ކުރާނެ ކަމަށާއި ރައްޔިތުން ފަޚްރުވެރިވާ ފަދަ މެމްބަރަކަށް ވެވަޑައިގަންނަވާނެ ކަމަށް ޝިޔާން ވިދާޅުވިއެވެ.