ރިޔާސީ ކޮމިޝަންތައް އުފެއްދީ މިނިވަން މުއައްސަސާތަކަށް ކުރާ އިތުބާރު ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިިހު ވިދާޅުވެއްޖެެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ''މުޅި ހެންވޭރު އެކީގައި ތިލަފަތައް'' ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަށް ނޫނެކޭ ބުނެ ވެރިކަން ބަދަލު ކުރީ ދެން އިތުރަށް ޔާމީން އަށް ފުރުސަތު ނުދޭން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަން ބަލައި އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައްޔިތުން އަރިހުން ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
''އެވީ ވައުދާއި އެއް ގޮތަށް އެ މަސައްކަތް އަޅުގަނޑު ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފަށައިފިން. ސަރުކާރުގައި ދައުލަތުގައި އެބަހުރި މިނިވަން މުއައްސަސާތައް މި ކަންތައްތައް ބެލޭނެ. ތަހްގީގު ކުރެވޭނެ ތަންތަން އެބަހުރި. ޝަރީޔަތް ކުރެވޭނެ ގޮތްތައް އެބަހުރި. އެހެން ނަމަވެސް އެއިން އެއްވެސް މުއައްސަސާ އަކަށް ރައްޔިތުންގެ އިތުބާރެއް އޭރަކު ނެތް. އަޅުގަނޑަކަށް ވެސް ނެތް އެ އިތުބާރެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ ކޮމިޝަނަށް ގާނޫނީ ބާރު ހޯދުމަށް މަޖިލީހަށް ފޮނުވާ ކޮންމެ ފަހަރަކު އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލްތަކެއް ކަމެއް ބުނެ މަޖިލީހުން ފާސްކޮފެވައި ނުވާ ކަން ރައީސް ސޯލިހު ފާހަގަ ކުރެެއްވެވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ ވޯޓަކީ ވެސް މުހިއްމު ވޯޓެއް ކަމަށާއި، އެންމެ ވޯޓެއްގެ ސަބަބުން ވެސް އިންތިހާބުގެ ނަތިއްޖާ ބަދަލުވެދާނެ ކަމަށެވެ. އެހެން ކަމުން އެމްޑީޕީގެ ކެންޑިޑޭޓުން ހޮއްވަވައި ދެއްވުމަށް، ހޮނިހިރު ދުވަހު ހެނދުނު ހެނދުނާ ހުރިހާ އެންމެން ވެސް ނުކުމެ، ވޯޓު ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމާމެދު ޝައްކު ވެސް ނުކުރައްވާ ކަަމަށް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު މި އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުން. ވަރަށް ގިނަ ރަށް ރަށަށް ދެވިއްޖެ. އަޅުގަނޑަށް ވަރަށް މަންޒަރު ސާފު. މި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު ޢައުލަބިއްޔަތެއް އެމްޑީޕީއަށް ލިބިގެންދާނެކަމީ މިއަދު ޝައްކެތް އޮތް ކަމެއް ނޫން. އިރާދާ ކުރެއްވިއްޔާ ކުރިއަށް މި އޮތީ ވަރަށް އުފާވެރި ދުވަސްތަކެއް. މި އޮތް ތިން ދުވަހު ތިބޭފުޅުން މަސައްކަތް ކޮށްލަވަނި ކޮށް މިކަން މި ނިމުނީ،'' އެމަނިކުފާނު ވިދާޅުވިއެވެ.
އެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ހެންވޭރު ދާއިރާގެ ހަތަރު ކެންޑިޑޭޓުންނަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެ ހަތަރު ކެންޑިޑޭޓުންނަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެއްބާރުލުން ދޭނެ ބޭފުޅުން ކަމަށެވެ.
އެހެން ކަމުން އެ ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވުމަށް ހެންވޭރު ދާއިރާގެ ރައްޔިތުންގެ ފަރާތުން ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ. އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންނަކީ ވެސް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.
އެމްޑީޕީން ހެންވޭރު ހުޅަނގު ދާއިރާއަށް ހަސަން ލަތީފް ވާދަކުރައްވާއިރު ހެންވޭރު އުތުރަށް ވާދަކުރައްވަނީ އިބްރާހިމް މުއިއްޒެވެ. ހެންވޭރު ދެކުނު ދާއިރާއަށް ހުސައިން ޝާހީމް ވާދަކުރައްވާއިރު މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވަނީ އަލީ އާޒިމެވެ.