ނިމިގެން ދިޔަ ފަސް އަހަރުގައި ދާއިރާގެ އަންހެނުން ނިކަމެތި ކުރުން ނޫން ކަމެއް ނުވި ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތި ލައްވާފައިވާ ހުސެން ޝަހީމް (އަނދުން ހުސެން) ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި "އެޖެންޑާ 19- މުޅި ހެންވޭރު އެކުގައި ތިލަފަތަށް" ޖަލްސާގައި، ހެންވޭރު ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް އަދި ކުރީގެ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ހުސައިން ވިދާޅުވީ އެކަމަނާ ޔޫތު ނިމިސްޓަރު ކަމުގައި ހުންނެވިއިރު އެންމެ ގިނަ ޒުވާނުން ކަނޑިންނާއި ވަޅިންނާއި މަރާ މަގުމަށްޗަށް އެޅީ އެދާއިރާގައި ކަމަށެވެ.
މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހުން ބޭރުކޮށްލީ ވެސް އިރިތިޝާމް ނިސްބަތްވާ ޕާޓީން ކަން ފާހަގަ ކުރައްވާ ހުސައިން ވިދާޅުވީ އެ ދާއިރާގައި ހިމެނޭ އެތައް ޒުވާނުންނެއްގެ ނަން އެ ލިސްޓްގައި ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ޒުވާނުންނަށް ހައްގު ހޯދައިދެވޭނެތޯ ހުސައިން ވަނީ ސުވާލު އުފައްދަވާފައެވެ.
ހުސައިން ވިދާޅުވީ އިރުތިޝާމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ޒުވާނުން ކުރިއަރުވަން ނުކުރެއްވުނު ކަމެއް މިހާރު ދެން އިތުރަށް ކޮށްނުދެވޭނެ ކަމަށެވެ.
މީގެ އިތުރުން ހުސުއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން މި ފަހަރު ކުރިމަތިލާފައި ތިއްބެވި އެއްވެސް ކަންޑިޑޭޓަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް މަސައްކަތް ކުރާނެ ކެންޑިޑޭޓުން ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާ ހުރިގޮތް ނޫން ގޮތަކަށް މަޖިލީހުގައި އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅުން ނޫން ކަމަށެވެ.