ތަޢުލީމު ވަރުގަދަ ކުރުމަށް ވުރެ ބޭނުންތެރި އެހެން އެއްވެސް ކަމެއް ނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކާށިދޫ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ދަރިވަރުންނަކީ ސުކޫލު ނިމި މުޖުތަމައަށް ނުކުންނައިރު ދިރިއުޅުމަށް އަހުލުވެރި މަސައްކަތަށް އަހުލުވެރި ރަނގަޅަށް އުޅެން އެނގޭ ބަޔަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ރައީސް ސޯލިހު އެންމެ ބޮޑު އަމާޒަކީ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރައްވައި ދިވެހިރާއްޖޭގައި ތަޢުލީމު ކުރިއެރުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ނައިބު ރައީސް ވަނީ މި ސަރުކާރުން ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަ ކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސްކޫލުތަކާ އެޑިއުކޭޝަން މިނިސްޓްރީ އާއި ވަރަށް ގާތްގުޅުމެއް ބާއްވަން ޖެހޭކަމުގައެވެ. އަދި ސުކޫލުތަކަށް ދިމާވާ ދަތިތައް ހައްލުނުވެ ދިގު މުއްދަތަކަށް އެކަންކަން ތަހައްމަލުކުރަން ނުޖެހޭ ގޮތަށް ރަނގަޅަށް ކަންތައްތައް ބެލެން ވެސް ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ތަޢުލީމީ ނިޒާމަކީ ރަށްޓެހި ނިޒާމަކަށް ބަދަލުކޮށް މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ނަތީޖާ އެއް ނެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ފައިސަލް ވިދާޅުވިއެވެ.
އޯޓިޒަމް އެވެއަރނެސް ދުވަސް ފާހަގަ ކުރަމުންދާތީ ފައިސަލް ވަނީ އެންމެން އެކުގައި މަސައްކަތްކޮށް އެކަކު އަނެކަކަށް ހިތްވަރު ދީ އެހީތެރިވެދީގެން، ވަކިން ޚާއްޞަކޮށް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ އެންމެ ލޯބިވާ އެންމެ އަޅާލުން ލިބިގެން މުޖުތަމަޢުގައި އެންމެންނާ އެކުގައި އުޅެވޭނެ ބައެއްގެ ގޮތުގައި ހެދުމަށް ސުކޫލުގެ މާހައުލުން ބޭރުގައި ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވައިފައެވެ.