މާލޭ އާ ހާބަރު ކައިރިން ހިއްކި އިންޑިސްޓްރިއަލް ވިލެޖުގައި އަޅަން ނިންމި ސްޓެލްކޯގެ ޕަވަރހައުސްގެ މަސައްކަތް މަޑުޖައްސާލައިފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސްޓެލްކޯގެ މީޑިއާ އޮފިސަރު ނާޒިރް ވިދާޅުވީ ޕަވަރހައުސްގެ މަސައްކަތް މަޑުޖައްސާލަން ނިންމާ ސަރުކާރުން އަންގައިގެން ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ނެތް ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.
ސަރުކާރުން މި ޕްރޮޖެކްޓް މަޑުޖައްސާލަން އަންގާފައިވާ އިރު، މި އަހަރުގެ ތެރޭގައި މި ޕަވަރސްޓޭޝަންގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުގުނީ ވަނީ ޖެނުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައެވެ. އޭރު މުގުނީ ވިދާޅުވީ މި ޕަވަރހައުސް އެޅުމުގެ ބޭނުމަކީ އެ ކުންފުނީގެ ހިދުމަތްތައް ޑީސެންޓްރަލައިޒްކުރުން ކަމަށެވެ.
އިންޑަސްޓްރިއަލް ވިލެޖުގައި ޕަވަރހައުސް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަގު ހުށައެޅުމަށް ޖެނުއަރީ މަހުގެ ތެރޭގައި ސްޓެލްކޯއިން އިއުލާނެއް ވެސް ކޮށްފައިވެއެވެ. ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވެސް ހުޅުވާލި ފުރުސަތުގައި ސްޓެލްކޯއިން އިއުލާން ކޮށްފައިވަނީ 16 މެގަވޮޓްގެ ޕަވަރ ޕްލާންޓަކާއި 132 kVA ސަބްސްޓޭޝަނެއް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަޕްލައިކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.
އެއްމެ ފުރަތަމަ އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯއިން ބެކްއަޕް ޖެނަރޭޓަރެއް ގާއިމް ކުރުމަށް 10000 އަކަފޫޓުގެ ބިމެއް ހަވާލު ކޮށްފައިވަނީ ރައީސް ޔާމިނުގެ ސަރުކާރުގައެވެ. އަށާރަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2017ވަނަ އަހަރުގެ މާޗް ތޭރަވަނަ ދުވަހު ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރު ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް ޝުކޫރު، އަދި އޭރުގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒުއެވެ. ނަމަވެސް ޔާމިން ސަރުކާރުގެ ދައުރު (އެ ދޭތެރޭ އަށާރަ މަސް ދުވަސް ވޭތުވި) ނިމިގެން ދިޔަ އިރުވެސް އެތަނުގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.