ޅ.ނައިފަރުގެ ބޮޑު ދެބިން ދެޖަމިއްޔާއަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ނިންމުމާ ދެކޮޅަށް ބޭނުން ކުރަމުންދާތީ އެރަށުގެ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލަރު ވިދާދު އަބްދުﷲ ވިދާޅުވީ ފަނަރަހާސް އަކަފޫޓުގެ ދެބިން ދެ ޖަމިއްޔާއަކަށް ދޫކުރީ އިޖްތިމާއީ މަސައްކަތްތަކާއި، ކައުންސިލުން ހިންގާ ހަރަކާތްތަކުގައި އެހީތެރިވެ ރަށުގެ މަންފާއަށް ކުރާ މަސައްކަތްތަކުގައި ބޭނުން ކުރުމަށެވެ. ނަމަވެސް މިދެޖަމިއްޔާއިން މިހާރު މިދެބިން ބޭނުންކުރަނީ ވިޔަފާރީގެ އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދެބިން ދޫކުރި މަގުސަދު ހާސިލްނުވާތީ، ކައުންސިލުން މިހާރު ހަދާފައިވާ އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށް ވިދާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅުމުން އެގޮތަށް ބިން ދޫނުކުރެވޭނެ ކަމަށާއި، މިއީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭސީސީން އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ވިދާދު ވިދާޅުވީ އޭސީސީގެ މިނިންމުމާއެކު ވެސް އެބިން ހުސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ އެދެބިން ދޫކުރުމަށް 3 ފަހަރު ނޯޓިސް ފޮނުވި ކަމަށެވެ.
''މިބިމުގެ މައްސަލަ މިހާރު ވަނީ ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފަ. އެކަމަކު އަދި އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބުނު. 2011 ވަނަ އަހަރުން ފެށިގެން މިބިން ބޭނުން ކުރަނީ'' ވިދާދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މިދެބިން ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ނައިފަރުގެ އާބާދީގައި 5400 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ގެންދެއެވެ.