ފުވައްމުލަކު ސިޓީގެ ރިންގް ރޯޑް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިމަޝްރޫއުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިއާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ހަސަން ޝާހެވެ.
ޕްލޭނިން މިނިސްޓްރީން މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 32,042,893.70 (ތިރީސް ދެމިލިއަން ސާޅިދެހާސް އަށްސަތޭކަ ނުވަދިޔަ ތިނެއް) ރުފިޔާއަށެވެ.
އެމްޓީސީސީން ބުނީ މިމަޝްރޫއުގެ ދަށުން 24،300 އަކަމީޓަރުގެ ރިންގް ރޯޑާއެކު ފެންހިންދާ ނިޒާމު ގާއިމުކުރާނެ ކަމަށާއި، އަދި 123 މަގުބައްތި ޖެހާނެ ކަމަށެވެ. އަދި މަގުކުރެހުންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރު ހަދުންވެސް މި ޕްރޮޖެކްޓްގައި ހިމެނެއެވެ.
މިމަޝްރޫއު ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.