މާލޭ ވިޔަފާރިވެރިންގެ ބަނދަރު މިއަހަރު ތެރޭގައި ތިލަފުއްޓަށް ބަދަލުކުމުގެ މަސައްކަތް ފެށި، އެ ސަރަހައްދުގައި ހިތް ފަސޭހަ މައިޒާނެއް ހެދުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ކްރެެޑިޓް ފެސިލިޓީގެ ގޮތުގައި ދީފައިވާ 800 މިލިއަން ޑޮލަރުން ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފަ އެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ބޭނުންވާ ކޮންސަލްޓޭޓުން ހޯދުމަށްވެސް ސަރުކާރުން އިއުލާންކޮށްފައިވެއެވެ.
މާފާންނު ހުޅަނގު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު ފަލާހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލެ އަކި ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން މާލެއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޕްލޭން ތަކެއް ހަދަމުންދާ ކަމަށެވެ. އެގޮތުން މި އަހަރު ތެރޭގައި ޕޯޓް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއު މި އަހަރު ފެށިގެން ދާއިރު އެކަމަށް ބޭނުންވާ ފައިސާ ލިބިފައި ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
''އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅު އެ މަސައްކަތް ފެށިގެންދާނެ. އެއާއި އެކީގައި އެ ޕޯޓް އެތަނުން ބަދަލުކުރެވިގެން ދާއިރުގައި އެތަނަށް ރަނގަޅު ޕްލޭނެއް ހެދިގެން އެބަދޭ. ހަމަ މީހުންނަށް ދިރިއުޅެން ފަސޭހަ ހިތްގައިމު ތަނަކަށް މާލެ ބަދަލު ކުރުމުގެ ފެށުމަކަށް އެތަން ވެގެންދާނެ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ނޫނެކޭ ބުނީ، އޭރުގެ ސަރުކާރުން ކުރަމުން ދިޔަ ކަންތައްތައް ގޯސްވެގެން ކަމަށެވެ. ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރަމުން ދިޔަތަން ބަލަން ރައްޔިތުން ބޭނުންނުވި ކަމަށް ވިދާޅުވިއެވެ.
''ރައްޔިތުން ބޭނުމެއް ނުވި އަސާސީ ހިދުމަތްތައް ނުލިބި މިހެން ތިބޭކަށް. ޓެކްސް ދައްކަން ދައުލަތަށް ލިބޭ އާމްދަނީ އިންތިހާ އަށް ބޮޑު. އެހެން ނަމަވެސް މިއަދާ ހިސާބަށް އާއިރުގައި ވެސް ރާއްޖޭގެ ގިނަ ރައްޔިތުން އަދިވެސް ތިބީ އަސާސީ ހިދުމަތްތައް ނުލިބި.'' އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ސަބަބު ތަފްސީލްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ނުލިބި ނުފުއްދޭނެ އެތައް ވައުދުތަކެއް އެބަހުރި ކަމަށެވެ. މި ސަރުކާރަށް މެޖޯރިޓީ އޮވެ ކުރަން ޖެހޭ އެތައް ކަމެއް ނުކުރެވި އޮތްކަންވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.
މަޖިލީހަށް އިންތިހާބު ކުރަން ޖެހޭނީ ސަރުކާރުގެ ވައުދު ފުއްދާ އެކަންކަމަށް އެއްބާރުލުން ދޭނެ މެމްބަރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ ޖަލްސާގައި ސަރުކާރުގެ ވަޒީރުންގެ އިތުރުން ރައީސް ސޯލިހުގެ އަނބިކަބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެއްވުމަށް ރައީސް ނަޝީދުގެ އިތުރުން ރައީސް ސޯލިހު ދަނީ ވަގުތުވީ ވަރަކުން ކެމްޕޭނު ޖަލްސާ ތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.