އަވަށްޓެރި އިންޑިއާ އިން ރާއްޖެއާ މެދު ކަންބޮޑުވާންޖެހޭ ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އިންޑީއާ އޭއެންއާއި ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެ މި ސަރުކާރު ގެނައީ ޑިމޮކްރެޓިކް ގައުމުތަކާއި އޮންނަ ގުޅުން ބަދަހި ކުރަން ކަމަށެވެ. އެގޮތުން އިންޑިއާއިން މިހާރު ރާއްޖެއާ މެދު ކަންބޮޑުވާންނުޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
''އަޅުގަނޑަކަށް ނުފެނޭ އިންޑިއާ އިން ރާއްޖެއާ މެދު މިހާރު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް. އެއީ ރާއްޖެގެ ސަރުކާރާއި އިންޑިއާ ސަރުކާރުން ގަބޫލު ކުރަނީ އެއް އުސޫލުތަކެއް. ރާއްޖޭގެ ރައްޔިތުން ވޯޓުން ވެރިކަން ބަދަލުކޮށް ބުނެފައި އެވަނީ އެމީހުން ބޭނުންވަނީ ޑިމޮކްރެޓިކް ގައުމުތަކާއި އެކުކަން ގުޅުން ބަދަހި ކުރަން'' މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ އެހާ ބޮޑު ގުޅުމެއް އުފެދިފައި އޮންނަނީ އެ ގައުމުން ރާއްޖެއާ މެދު ބަހައްޓަމުންދާ އޯގާތެރިކަމުގެ ސަބަބުން ކަމަށެވެ. ހަމައެއާއިއެކު ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީވެދޭ ގައުމަކީ އިންޑިއާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
''އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމްކުރޭ. އިންޑިއާއިން އެހެން ގައުމުތަކުގެ ވާހަކަ ރާއްޖެއަކާއި ނުދައްކާ. އަހަރުމެން ވަރަށް ކޮމްފަޓެބަލްވޭ އިންޑިއާއެކު. އެއީ އިންޑިއާކީ އެހާ ގާތް ރައްޓެހި ބައެއް. އަބަދުވެސް އެހީވެދޭ ކޮންމެ ކަމެއްގައި ވެސް.'' ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާއާއެކު އިންޑިއާ އަށް ވަޑައިގެން އުޅުއްވާ މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދަޅުވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތަރަމަންއާ އެކު މަޝްވަރާ ކުރެވިފައިވަނީ ދެ ގައުމުގެ ސިފައިން ގުޅިގެން ތަފާތު އޮޕަރޭޝަންތަކާއި، އެކްސަސައިޒްތަކުގެ އިތުރުން ދެ ގައުމުގެ އަސްކަރިއްޔާ އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކަމަށެވެ.
އެ ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވައިލާފައި ވަނީ ''ގްރޭޓާ އިންޑިއަން އޯޝަން ރީޖަން'' ނުވަތަ އިންޑިއާ ކަނޑުގެ ސަލާމަތާއި ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާ އިންޑިއާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ 70 ވަނަ ވަނަ ޖުމްހޫރި ދުވަހުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އިންޑިއާގެ ނެޝަނަލް ކެޑޭޓް ކޮޕްސްގެ ކެޑޭޓުންނާއި ބައްދަލުކުރައްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.