ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުންދާ މައްސަލަތަކެއްގެ މައުލޫމާތު ހޯދަން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އެދުނު ނަމަވެސް، އެމައުލޫމާތު ދީފައިނުވާތީ އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެޗްއާރްސީއެމުން ބުނީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އެދިފައިވާ މައުލޫމާތު އައިޖީއެމްއެޗް ހޮސްޕިޓަލުން ދީފައިނުވާ ކަމަށެވެ.
އެހެންކަމުން ބުރާސްފަތި ދުވަހު އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އެކޯޓުން މައްސަލަ ބަލައިގަނެފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން އައިޖީއެމްއެޗުން މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލަތަކުގައި ސިވިލް ކޯޓުގައި ހޮސްޕިޓަލުގެ ލީގަލް ޓީމުން ޖަވާބުދާރީވާނެ ކަމަށެވެ. ނަމަވެސް މިމައްސަލަތަކުގެ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ހުށަހެޅިފައިވާ މައްސަލަތަކަކީ 2018 ވަނަ އަހަރު ހިނގާފައިވާ މައްސަލަތަކެއްކަމާއި އަދި އެމައްސަލަތަކަކީ ކުރީގެ މެނޭޖްމަންޓަށް ހުށައެޅިފައިވާ މައްސަލަތަކަކަށްވާތީ އެޓަރނީ ޖެނަރަލްގެ އޮފީހުގެ ލަފަޔާއެކު އެހޮސްޕިޓަލުގެ ލީގަލް ޓީމުން މިމައްސަލަ ބަލަމުންދާ ކަމަށެވެ.