ރާއްޖެ އާއި އިންޑިއާގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރުމަލާ ސިތާރަމަންއާ، ބައްދަލު ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޯޑަރު ސަރަހައްދުގެ ސަލާމަތާއި ގަވައިދާ ހިލާފަށް ދެ ގައުމުގެ އިގްތިސޯދީ ސަރަހައްދަށް ވަނުން ހުއްޓުވުމާ ބެހޭ ގޮތުންނާއި، ޑްރަގް ފަދަ ތަކެތިން އެތެރެވިޔަ ނުދިނުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖެއާ އިންޑިއާ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
Met my Indian Counterpart, the Indian Defence Minister Hon Niramala Sitharaman today. Very pleasant & charming. We spoke about strengthening defence co-operation between the 2nations in protecting our borders from illicit drugs, poaching in our EEZ, etc pic.twitter.com/hKRS0DtbIT
— Mariya Didi (@MariyaDidi) January 24, 2019
މިއީ މިނިސްޓަރު މާރިޔާ، މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެފުޅެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު މާރިޔާގެ އަރިހުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލްމަތީން އަޙްމަދު އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ.