ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުގައި އިސްލާމްދީނާއި މުޖުތަމައުގެ ޢާއްމު އަހުލާގީ މިންގަނޑާ ޚިލާފު ލިޔުންތައް ޝާއިއުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުގައި ޝާއިޢުކުރާ ޚަބަރުތަކާއި، ރިޕޯޓުތަކާއި މިނޫން ވެސް ބައެއް ލިޔުންތަކުގައި އިސްލާމްދީނާއި ދިވެހި މުޖުތަމައުގެ ޢާއްމު އަހުލާގީ މިންގަނޑާ ޚިލާފު ލިޔުންތަކާއި، ފިތުނަފަސާދައާއި ނަފުރަތުގެ ޝުއޫރުތައް އުފެދެން މަގުފަހިވެފައިވާ ފަދަ ލިޔުންތައް ޝާއިޢުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އަދި ނޫސްވެރިކަމުގެ ހަމަތަކާ ޚިލާފަށް ނުބައި މައުލޫމާތު ފެތުރޭ ފަދަ ލިޔުންތައް އިތުރުވަމުންދާކަމުގެ ޝަކުވާ ޢާއްމުފަރާތްތަކުން އެކައުންސިލަށާއި، ކައުންސިލުގެ ވަކިވަކި މެމްބަރުންނަށް ހުށަހަޅަމުންދާ ކަމަށެވެ.
މީޑިއާ ކައުންސިލުން ބުނީ މިފަދަ ކަންކަމަކީ އެކައުންސިލާއި ރާއްޖޭގެ މީޑިއާގެ މުޅި އާއިލާއިން ނަގަހައްޓަން މަސައްކަތް ކުރަމުންދާ މިނިވަން ނޫސްވެރިކަމުގެ މިންގަނޑުން ބޭރުކަމެއް ކަމަށާއި، އެކައުންސިލުން ދެކޭ ގޮތުގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުން ކުރަންޖެހޭނީ ޒިންމާދާރު ކަމާއެކު ވަކި އިންތަކެއްގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން މިބަޔާނުގައި ބުނެފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި އެދެ މާއްދާގެ ބޭނުން ނަމަހަމަ ގޮތުގައި ހިފުމަކީ އެކައުންސިލުން ބައިގަންނާނެ ކަމެއް ނޫން ކަމަށާއި، އެއްވެސް ޒިންމާދާރުކަމެއް ނެތި، އެފަދަ ލިޔުންތައް ޝާއިއުކުރުމުގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ ގައުމުގެ އަމަންއަމާންކަމާއި، ސުލްހަ މަސަލަސްކަން ގެއްލި ބޮޑު ހަމަނުޖެހުމެއްގެ ތެރެއިން ގައުމު ހުށަހެޅިގެން ދިއުން ކަމަށެވެ.
އެހެންކަމުން އެފަދަ އެންމެހައިކަންކަމުން ދުރުހެލިވެ ޒިންމާދާރުކަމާއެކު ދީނާއި ގައުމިއްޔަތު އިސްކޮށްގެން މަސައްކަތް ކުރުމަށް ރާއްޖޭގެ އެންމެހައި މީޑިއާތަކަށް އެކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.