އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އާ އެކު ބުރާސްފަތި ދުވހުގެ ހަވީރު މަހަށް ފުރި ލޯންޗުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ލޯންޗް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ލޯންޗް ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އައްޑޫ އިން މަހަށް ފުރި ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ލޯންޗްގެ ބުރާސްފަތި ދުވަހުގެ ހެނދުނު 07:40 ގައި ފެނިފައިވާ ކަމަށާއި މިހާރު ލޯންޗް އައްޑޫ ސިޓީ ހިތަދޫ ބަނދަރަށް ވެދެފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ލޯންޗް ހޯދުމުގެ އޮޕަރޭޝަންގައި ހެލިކޮޕްޓަރާއި ކޯސްޓްގާޑް އެފްއައިސީ ހަކުރާ ހަރަކާތްތެރިވެފައި ކަމަށެވެ.
ލޯންޗާ ގުޅުނު އިރު ލޯންޗު އޮތީ ގަމާއި ދިމާލުން ބޭރުގައި މަސްވެރިކަން ކުރުމަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މި ލޯންޗް މަހަށް ފުރިފަހުން އެތައް އިރެއްވީ އިރުވެސް އެނބުރި ނައީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.
އައްޑޫގެ މޭޔަރު ސޯބެ ރަހުމަތްތެރިންތަކަކާ އެކު މަހަށް ފުރީ އިއްޔެ ހަވީރު 16:30 ހާއިރު އެވެ. މަހަށް ފުރި ލޯންޗުގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ކޯސްޓްގާޑަށް ގުޅާފައިވަނީ ފަތިހު 5:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމަތު ދެއެވެ.