މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް ޢަބްދުﷲ މުޙައްމަދާއި އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައެވެ. ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެމްއެންއޭސީއައިގެ ރައީސް ޢަބްދުﷲ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަރުޚަބާ ވިދާޅުވެ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ކާމިޔާބީއަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންކަން ރަނގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކާއިބެހޭ ގޮތުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ވަނީ މައުލޫމާތު އަރުވާފައެވެ.