ކުރިން ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފެވެ.
ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް އިންތިޚާބާ ބެހޭ ގާނޫނަށް އެ އިސްލާހު ގެނައުމަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.
އެހެންވެ ލަތީފު ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ އެގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އެމާއްދާގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތަކަށް ނުވުމެވެ.
ލަތީފް މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވި އިރު، އަންނަ އެޕްރީލް މަހު އޮންނަ އިންތިޚާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެމަނިކުފަނު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ މައްޗަންގޯޅި މެދު ދާއިރާއަށެވެ.
މި އިސްލާހަކީ ރައީސް ނަޝީދަށް އަމާޒުކުރާ އިސްލާހެއް ކަމަށް އެމްޑީޕީއިން ދަނީ ބުނަމުންނެވެ.
ލަތީފު ގާނޫނު އިސްލާހު ކުރައްވަން ހުށައެޅުއްވިކަމުގައި ވިއަސް އަދި ރައްޔިތުންގެ މަޖިލީހުން ފާސްވި ކަމުގައި ވިއަސް އެ އިސްލާހު ގާނޫނަކަށް ބަދަލުވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރައްވާ ހިސާބުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފު އިސްލާހު ގެންނަވަން ހުށައެޅުއްވުމުން އެ އިސްލާހަށް ތާއިދު ނުކުރައްވާކަން ހާމަ ކުރައްވާފައެވެ.