ކ.އަތޮޅު ތައުލީމީ މަރުކަޒުން ދަރިވަރުންނަށް ފޯރުކޮށްދޭ ހެނދުނުގެ ނާސްތާއަކީ ތާޒާކަމާއެކު ފޯރުކޮށްދޭ ތަކެތި ކަމަށާއި، މިއަދާ ހަމައަށް އެއްވެސް މައްސަލައެއް ދިމާވެފައިވާ ނުވާ ކަމަށް އެމަރުކަޒުން ބުނެފިއެވެ.
ކ.އަތޮޅު ތައުލީމީ މަރުކަޒުން ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ބެހޭގޮތުން ޗެނަލް 13 އިން މިމަހުގެ 22 ވަނަ ދުވަހުގެރޭ ހަގީގަތާ ހިލާފު ދޮގު ޚަބަރެއް އާންމުކޮށްފައިވާތީ، އެއަމަލުކުއްވެރިކޮށް އެމަރުކަޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމަރުކަޒުން ފޯރުކޮށްދޭ ހެނދުނުގެ ނާސްތާއަކީ ތާޒާކަންމަތީ ހުންނަ ތަކެތި ކަމަށެވެ.
ހެނދުނުގެ ނާސްތާ ދިނުމުގެ ސަބަބުން ދަރިވަރުން ބަލިވެގެން ނުވަތަ ސިއްހީ އެއްވެސް މައްސަލައެއް ދިމާވެގެން ބެލެނިވެރިއެއް ނުވަތަ އެހެން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައެއް ނުވާ ކަމަށް އެމަރުކަޒުގެ ޕްރިންސިޕަލް އަހުމަދު މިހާދު ސޮއިކުރައްވާ ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މިބަޔާނުގައި ބުނެފައިވަނީ މަރުކަޒަށް ކޮންމެ ދުވަހަކު ވެސް ގެންނަ ނާސްތާއަކީ ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ އުސޫލާއި އެއްގޮތަށް، ކޮންމެ ދުވަހަކު ވެސް ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ ކުރިން ޕްރިންސިޕަލް ހިމެނޭ ގޮތަށް ސްކޫލުގެ ތިން މުއައްޒަފުން ރަހަބެލުމަށްފަހު އެތަކެއްޗަކީ ދަރިވަރުންނަށް ދިނުމަށް ތާޒާ ތަކެތި ކަމަށް ކަށަވަރު ކުރުމަށްފަހު ދަރިވަރުންނަށްދެވޭ ނާސްތާއެއް ކަމަށެވެ.
އެމަރުކަޒުން ވަނީ ޚަބަރު ފަތުރާ ވަސީލަތްތަކުން ކަމާބެހޭ އިދާރާތަކުން ތެދު މައުލޫމާތު ހޯދުމަށްފަހު ޒިންމާދާރުކަމާއެކު ޚަބަރު ފަތުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެމަރުކަޒާއި ހެނދުނުގެ ނާސްތާފޯރުކޮށްދޭ ފަރާތާމެދު ނުބައި ތަސައްވުރެއް ދެވޭ އަދި ހަގީގަތްއޮޅޭ ފަދަ އެއްވެސް ވާހަކައެއް ނުފެތުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.