ލ. އަތޮޅުގައި ބާއްވާ ޓީއެޕްޖީ ރަންގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހުކުރު ދުވަހު ލ. އަތޮޅަށް ވަޑައިގަންނަވަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލ. އަތޮޅަށް ރައީސް ސޯލިހު ވަޑައިގަންނަވާ މައިގަނޑު ބޭނުމަކީ އެ އަތޮޅުގައި އޮންނަ ޓޯޓަލް ފިޓްނެސް ގްރޫޕުން ބާއްވާ ރަންގައި ބައިވެރިވެވަޑައިގަތުން ކަމަށާއި މީގެ އިތުރުން މި ދަތުރުފުޅުގައި ކައުންސިލަރުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މިއީ ރައީސް ސޯލިހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ލ. އަތޮޅަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ކޮންމެ އަހަރަަކު ވެސް ޓީއެފްޖީން ބާއްވާ ދުވުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ލ. ލިންކުރޯޑްގައެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުއެވެ.