ރ. މާކުރަތުގައި ފެނަކައިން ހިންގަމުން ގެންދާ އިންޖީނުގެއަށް ދޫކުރި ގިނަ އަދަދެއްގެ ތެޔޮ އެރަށު މަގުމައްޗަށް ބޭރުވެއްޖެއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ ދޭތެރެ ދޭތެރެއިން މަގުމައްޗަށް ތެޔޮ ބޭރުވަމުންދާ ކަމަށާއި، އަންގާރަ ދުވަހު 300 ލީޓަރަށް ވުރެ ގިނަ ތެޔޮ މަގުމައްޗަށް ބޭރުވެފައިވާ ކަމަށެވެ.
ހަސަން ވިދާޅުވީ އެރަށުގެ އިންޖީނުގެ ގެއަށް ތެޔޮ ދޫކުރަނީ މަގުމަތީގައި ހޮޅިއަޅައިގެން ކަމަށާއި، ހޮޅިތައް ހުންނަނީ އެއްހޮޅިއާ އަނެއް ހޮޅި ގުޅުވާފައި ކަމަށެވެ. އަދި ތެޔޮ މަގުމައްޗަށް ބޭރުވީ ކަމަށް ބޮޑަށް ބެލެވެނީ ހޮޅިފައިގެން ގޮސްގެން ކަމަށެވެ.
"ތެޔޮބޯޓުން އިންޖީނުގެއަށް ހޮޅިއަޅާގެން މިމަސައްކަތް ކުރަނީ. މިދޭތެރޭގަ 500 ފޫޓާ 600 ފޫޓުގެ ދުރުމިނެއް ހުންނާނެ.'' ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ ތެޔޮ މަގުމައްޗަށް ބޭރުވާ މައްސަލައަކީ ރަށުގެ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަން ހައްލު ކުރުމަށް އެރަށުގެ ފެނަކާ ހަވާލުވެ ހުންނެވި އިސްފަރާތާއި މަޝްވަރާ ކުރި ނަމަވެސް ހައްލުވެފައިނުވާ ކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1548179852.jpg)
މަގުމައްޗަށް ތެޔޮ ބޭރުވުމަކީ ނާޒުކު ފެންފަށަލައަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމެއްކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ މިމައްސަލަ ބަލައިދިނުމަށް އީޕީއޭއަށް ހުށަހަޅާނެ ކަމަށެވެ.
މީގެ އިތުރުން މިމައްސަލަ ފެނަކަ ކޯޕްރޭޝަންގެ ހެޑް އޮފީހުގެ ސަމާލުކަމަށް ގެނެސް، ތެޔޮ އެރަށަށް ގެންނަ ކުންފުނީގެ އިސްބޭފުޅުންނާއި މިމައްސަލައަށް ހައްލު ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
މާކުރަތަކީ 1331 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.