ސްރީލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހު އެ ގައުމަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މި ދަތުރުފުޅު އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅުގެ މައުލޫމާތު ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.
ލަންކާގެ މިނިވަން ދުވަހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ.
އަންނަ މަހު ރައީސް ސޯލިހު ލަންކާއަށް ދަތުރުފުޅެއް ކުރައްވާއިރު، މި ހަފްތާގެ އާދީއްތަ ދުވަހު ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައެޅުއްވި ސަފީރު އުމަރު އަބްދުލް ރައްޒާގު އަށް ރައީސް ސޯލިހު ވަނީ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައެވެ.
ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި އެ މަނިކުފާނު ލަންކާއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެއެވެ. ނަމަވެސް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ވަނީ މިދިޔަ މަހު ލަންކާއަށް ވަޑައިގެންފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ކުރައްވާ މިއީ ރަސްމީ ތިންވަނަ ދަތުރުފުޅެއެވެ. މީގެ ކުރިން ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ އިންޑިއާ އަށާއި ޔޫއޭއީ އަށެވެ. އޭގެ ތެރެއިން ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ އިންޑިއާ އަށެވެ.
ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އުޅޭ ގައުމެކެއެވެ.