"މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަން" މި ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކެބިނެޓަށް މަޢުލޫމާތު ޙިއްޞާކުރުމުގެ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1548151931.jpg)
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ މި ސެޝަންގައި މިންތީގެ ހަމަހަމަކަންކަމާ ގުޅުން ހުރި މަފްހޫމުތަކާއި، ގުޅުން ހުރި ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގެ އިތުރުން، މިންތީގެ ނަޒަރިއްޔާތުން ވިސްނުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައިފައިވެއެވެ.
މީގެއިތުރުން ހާއްސަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ދަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެ ގޮތުން، ދައުލަތުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށް ވެސް މި ފަދަ ޕްރޮގްރާމްތައް ޖެންޑަރ މިނިސްޓްރީގެ ފަރާތުން ވަނީ ހިންގާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/1548151932.jpg)
އަންގާރަ ދުވަހު ބޭއްވި ސެޝަންގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ޝިރާނީ ނަޢީމް އަދި އެސިސްޓަންޓް ޑިރެކްޓަރ އިބްރާހީމް މުޙައްމަދުއެވެ.