ނިމިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ ދިހަ އެއްގައި 376 ކުދިން ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ބުނެފިއެވެ.
އޯލެވެލްގެ ވަގުތީ ނަތީޖާ ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު "އޭ" ލިބުނު ކުދިންގެ އަދަދު 2018 ވަނަ އަހަރު ނިސްބަތުން އިތުރުވެފައިވާ ކަމަށެވެ. ފަނަރައިން ސައްތަ ކުދިންނަށް "އޭ" ލިބިފައިވާއިރު، "ބީ" ލިބުނު ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ނިމިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުދިންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައިވާކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޖަމާލުއްދީން ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ކަންފަތައް އަޑުއިވުމާއި ވާހަކަދެއްކުމުގެ ގޮންޖެހުންތަކެއް ހުރި ކުދިން ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައިވެއެވެ. މީގެ އިތުރުން ތާޖުއްދީން ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ފެނުމުގެ ދަތިކަން ހުރި ކުއްޖަކު އޯލެވެލް ގަދަ ދިހައެއްގައި ހިމެނިފައިވާ ކަން އަބްދުﷲ ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުންދާ ހުރިހާ ދަރިވަރުން އޯލެވެލް އިމްތިހާންގައި ބައިވެރިވާންޖެހޭއިރު، 2018 ވަނަ އަހަރު 5433 ދަރިވަރުން އޯލެވެލް އިމްތިހާންގައި ވަނީ ބައިވެރިވެފައެވެ. އަދި 4571 ދަރިވަރުން ހުރިހާ މާއްދާއެއް ހަދާފައިވާއިރު، 862 ކުދިން ފުލް ސްޓްރީމް ހުރިހާ މާއްދާއެއް ނަހަދާ ކަމަށް ސްޓޭޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މަޖްބޫރު މާއްދާތަކުން ފާސްވި އަދަދު 2017 ވަނަ އަހަރާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ ހިސާބު މާއްދާއިން ފާސްވި އަދަދު އެވްރެޖް މިންވަރެއްގައި ހުރިއިރު، އިނގިރޭސި މާއްދާ އިން ފާސްވި އަދަދު ދަށް ކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ތައުލީމެއްގެ ތެރެއިން ކުދިންނަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުން ކަމަށެވެ.
"ފިކުރީ، ޖަޒްބާތީ، ނަފްސާނީ ދުޅަހެޔޮ ކުދިންތަކެއް ތަރުބިއްޔަތުކޮށް، ވަށާޖެހޭ ތައުލީމެއްގެ ތެރެއިން ކުދިންގެ ނަތީޖާ ރަނގަޅު ކުރުން. ނަތީޖާ ވެސް މުހިންމު، ނަމަވެސް އެއީ ވަށާޖެހޭ ތައުލީމެއްގެ ތެރެއިން ދާ އެއްޗަކަށް ވާންޖެހޭ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
2017 ވަނަ އަހަރާ އަޅާބަލާއިރު، ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު އޯލެވެލްގެ ނަތީޖާ ރަނގަޅު ކަމަށާއި، ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.