ފަނޑިޔާރުންގެ މައްޗަށް ތުހުމަތެއް ރައްދުވުމުން އެ ތުހުމަތު ކުރި ފަރާތުގެ މައްސަލަ ތުުހުމަތު ރައްދުވި ފަނޑިޔާރުން ބެއްލެވުމަކީ ޤާނޫނުއަސާސީ ތަސައްވުރު ކުރާ ޖުޑިޝަރީއަކުން ކުރެވޭނެފަދަ ކަމެއް ނޫން ކަަމަށް މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހިސާން އެގޮތަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުތަކެއް ކުރައްވައި، މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވި ވާހަކަތައް ކްރިމިނަލް ކޯޓުން ބަލަން ނިންމި މައްސަލައާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން ވަނީ ސުއޫދުގެ މައްސަލަ ބެލުމަށް ފަސް ގާޒީންގެ ބެންޗެއް ވަނީ އެކުލަވާލާފައެވެ.
"އެ މައްސަލައިގެ ތުހުމަތުތައް ރައްދުވާ ފަރާތްތައް ހިމެނޭ ކޯޓަކުން އަޅުގަނޑުމެންނަށް މި ފެނުނީ އަލުން އެ ވާހަކަދެއްކެވި ނުވަތަ އެ މައުލޫމާތު ހާމަކުރި ބޭފުޅާގެ މައްސަލަ ތަހުގީގު ކުރަން ހިފާލިތަން. މިއީ ޤާނޫނު އަސާސީން ތަސައްވުރުކޮށްފައި އޮތްގޮތަށް ހިނގާ ޖުޑީޝަރީއެއްގަ ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭ،" ކުރީގެ އުއްތަމަ ފަނޑިޔާރާއި ރައީސް މުހައްމަދު ނަޝީދާއި އެނޫން ވެސް އިސް އެތައް ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ހިސާން ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ވަނީ ގޭންގުތަކާ ފަނޑިޔާރުންނާ އޮތް ގުޅުން ހެކިތަކާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ހިއްސާކޮށްފައިވާނެ ކަމަށް ސުއޫދު ވިދާޅުވެފައި ވަނިކޮށެވެ.
ހިސާން ވިދާޅުވީ އެގޮތަށް އެއްވެސް ކޯޓަކަށް މީހުން ހާޒިރުކޮށްގެން މައްސަލަ ބެލިދާނެ ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ އަލް އުސްތާޛު ހުސްނުއް ސުއޫދު އުފެއްދެވި ނުވަތަ މި ހާމަކުރެއްވި މައުލޫމާތުތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި އޮތް ދަނޑިވަޅެއްގައި ކްރިމިނަލް ކޯޓުން މިގޮތަށް އަމަލުކުރުންވާނީ ހަމަ ގައިމު ނުފޫޒު ފޯރުވުމުގެ މައްސަލައަކަށޭ،" ހިސާން ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ސުއޫދު ދެއްކެވި ވާހަކަ ބެލުމަށް ފަސް ގާޒީންގެ ބެންޗެއް އެކުލަވާލައި، އެ މައްސަލައިގެ އިޖުރާއީ އަޑުއެހުން އަންގާރަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބަލާ ކްރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ހިމެނޭ ބޭފުޅުންގެ ނަމެއް އެ ކޯޓުން ހާމައެއް ނުކުރެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ރައީސް އޮފީސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.