ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ދޮގު ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީން ހޯމަ ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި ގާސިމް ވިދާޅުވީ، މަޖިލީހުގެ ތެރެއިން ރައީސް ސާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސަކަށް ހުންނަވައިގެން ގާނޫނާއި ހިލާފު އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށާއި ބަޔަކު އިސްވެތިބެ އެފަދަ ވާހަކަތައް ދައްކަނީ ފިތުނަ އުފެއްދުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ކޯލިޝަނަކުން ވެރިކަމަށް އައި ސަރުކާރެއްގައި ވަކި ޕާޓީއަކަށް މަޖިލީހުގެ ތެރެއިން މެޖޯރިޓީ ލިބެންޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ލިބުނު ނަމަވެސް ރަައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ބަޔަކު އިސްކޮށް ތިބެގެން ގައުމު ފަސާދަކުރުމަށް ކުރާ އެއްވެސް ކަމެއްގައި ޖުމުހޫރީ ޕާޓީން ބައިވެރި ނުވާނެ ކަމަށާއި، އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ މަސްލަހަތާއި ކުރިއެރުމަށް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.