އަދާލަތު ޕާޓީން ބާއްވާ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.
އެ ޕާޓީން ހޯމަ ދުވަހުގެ ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓު ދިނުމަށް ރ. އިނގުރައިދޫ ދާއިރާގައި ޕްރައިމަރީ 25 ޖަނަވަރީ 2019 ވާ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީއިން ނިންމާފައިވާކަމަށެވެ.
މިއީ އަދާލަތު ޕާޓީން ޕްރައިމަރީއެއް ބާއްވާ ހަމައެކަނި ދާއިރާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދާއިރާއަށް އެ ޕާޓީން ދެ ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއް ބޭފުޅަކީ ރ. ކިނޮޅަހު ކައުސިލްގެ ރައީސްގެ މަގާމުގައ ހުންެނެވި އަހުމަދު ހުސެއިންއެވެ. އަދި އަނެއް ބޭފުޅަކީ އަލީ ޝަރީފް އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 13 ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތުލިބެއެވެ. ކޯލިޝަން ގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ އެޕާޓީގެ މަޖިލިސް ޕްރައިމަރީ ފާއިތުވި ހުކުރު ދުވަހު ބާއްވާ ނިންމާލާފައެވެ.