ވާދަވެރި އިންތިޚާބަކަށް ފަހު ޢާންމުންގެ މަންދޫބެއްގެ ގޮތުގަ އެކިއެކި ބާރުތަކާ ޙަވާލުވާ ސިޔާސީ ޝަޚްސުންނަށް ޢަމާޒުވާ ސަމާލުކަމަކީ، ގިނަ ފަހަރަށް ހަމަ އެކަނި އެމީހުންނާ ހިސާބުން ނިމޭ ކަމަކަށް އޮންނަނީ ނުވެފައެވެ. އަނބިދަރިންނާ ހިސާބަށްވެސް އެ ކަން ދެމިގެން ދެއެވެ. ހަސަދަވެރިންނާއި، ފާރަވެރިންނާއި، ޖާސޫސުންނާއި އެފަދަ އެތައް ބައެއްގެ ލޯތަކާއި، ކެމެރާގެ ލެންސްތައް، ރައްޔިތުން އިންތިޚާބު ކުރި މަންދޫބުގެ ޢާއިލާއަށް ހުއްޓެއެވެ. ވެރިކަމުގެ އާރާއިބާރު ލިބޭ ހިސާބުން ދިރިއުޅުމަށް އަންނަ ބަދަލުތަކަށް ކަޅިޖަހާނުލާ ބަލަން ތިބެއެވެ. ވަކިން ޚާއްޞަކޮށް ކެމްޕޭންގެ ދުވަސްވަރު، ވަކިން ބޮޑަށް "ފޯރި" ގަދަވެސްވެއެވެ.
ދާދި ފަހުން، ޢާންމުންގެ އިންސާފުގެ ދަރުބާރަށް ހުށަހެޅުނު އެފަދަ އެއް ބޭފުޅަކީ ދެކުނު ކޮރެއާގެ ފަސްޓް ލޭޑީ، ކިމް ކިއޯން ހީއެވެ. ދެކުނު ކޮރެއާގެ ގިނަ ބަޔަކު މިއަދު ޤަބޫލު ކުރާ ގޮތުގައި، 'ޑީއޯ ދަބަހުގެ މައްސަލައިގެ' ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ކިމްއެވެ. ހުރިހާވެސް މައްސަލައަކަށް ވީ، އެ ފަދަ އަގު ބޮޑު ދަބަހެއް، ހަދިޔާއެއްގެ ގޮތުގައި ޤަބޫލުކުރެއްވުމެވެ. އެ މަންޒަރުތައް ޢާންމުންނާ ހިސާބަށް ތިލަވީ، ދަބަސް "ހަދިޔާ ކުރި" މީހާ، ސިއްރު ކެމެރާއެއް ބޭނުން ކޮށްގެން، މަންޒަރުތައް ރެކޯޑް ކުރުމުގެ ސަބަބުންނެވެ.
ސަރުކާރު އޮފިޝަލެއްގެ ޙަޔާތުގެ ބައިވެރިޔާ، 2250 ޑޮލަރުގެ އަގުހުރި ދަބަހެއް ޤަބޫލުކުރެއްވުމަކީ، ރިޝްވަތު ދިނުމުގެ ޤާނޫނާ ޚިލާފު ޢަމަލަކަށް ވުން އެކަށީގެންވާކަމަށްވެސް ދެކުނު ކޮރެއާގެ ބައެއް މީހުން ޤަބޫލު ކުރެއެވެ.
މަދު ޑޮލަރު ކޮޅެއް ޚަރަދުކޮށްލައިގެން މެންދުރުގެ ކޭމެއް ދިނުމަކީ ޣައިރު ޤާނޫނީ ކަމެއް. އަހަރެން ޤަބޫލުކުރާ ގޮތުގަ، ފަސްޓްލޭޑީއަކާ މެދު ވަކި ތަފާތު ގޮތަކަށް ޢަމަލު ކުރެވިގެން ނުވާނެ. އެހެން މީހުންނެކޭ އެއް ޙުކުމެއް ހިނގަންޖެހޭނީ. އެހެންވީމަ، އެ މޭރުމުން ވިސްނާއިރު، އޭނަ ނުވާނެ ހަދިޔާ ޤަބޫލުކޮށްގެންނެއް.ޖަންގް ޖުންގް-ހްވާން؛ ދެކުނު ކޮރެޔާގެ ރައްޔިތެއް
ދެކުނު ކޮރެއާގެ ރައީސް، ޔޫން ސުކް ޔިއޯލްގެ ސަޕޯރޓަރުންގެ ފިކުރު ތަފާތެވެ. އެމީހުން ބުނާ ގޮތުގައި ފަސްޓް ލޭޑީ ކިމްއަކީ، އޭނާގެ އަގު ވައްޓާލާ، ކެމްޕޭން ގަޑުބަޑު ކުރުމަށް ބަޔަކު ރޭވި ޣައިރު ޤާނޫނީ ރޭވުމެއްގެ ޝިކާރައަކަށް ވެފައި ވާ މީހެކެވެ.
ސިއްރު ކެމެރާ ބޭނުންކޮށްގެން މަންޒަރު ރެކޯޑް ކުރުމާއި، މުޖުތަމަޢުގައި އުފެދިފައި އޮތް ހައްސާސްކަމާ މެދު ސުވާލު ކުރުމުގެ ބަދަލުގަ، އަހަންނަށް ހީވަނީ، އަހަރެމެންގެ ސަމާލުކަން ބަދަލު ކުރަންވީ، މީ ރިޝްވަތުގެ މައްސަލައެއްގެ ގޮތުގައި ދަޢުވާ އުފުލިދާނެ މިޞްރާބަށްހެން.ޖުންގް؛ ދެކުނު ކޮރެޔާގެ ރައްޔިތެއް
މާލީ ޚަބަރުތައް ގެނެސްދޭ ނިއުސް ޓޮމާޓޯއިން ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާއަށް ބަލާއިރު، ކިމްގެ ޢަމަލުތައް ހުރީ ބަލައިގަނެވޭ ފަދަ ގޮތަކަށް ނުންކަމަށް 53 ޕަސެންޓް މީހުން ބުނިއިރު، ލަދު ގަންނަވާލަން ޖެހި ދަންތުރައެއްގެ ޝިކާރައަކަށް ވި ކަމަށް ބުނެފައި ވަނީ އެންމެ 27 ޕަސެންޓް މީހުންނެވެ.
ހަމަ އެ މައްސަލާގައި، ވައިޓީއެން ކޭބަލް ނިއުސްއިން ދާދި ފަހުން ކުރިއަށް ގެންދިޔަ ސަރވޭއެއްގެ ނަތީޖާ ދައްކާ ގޮތުން، 69 ޕަސެންޓް މީހުން ވަނީ، ފަސްޓް ލޭޑީގެ ޢަމަލުތައް ހުރި ގޮތާ ގުޅިގެން ފެންމަތިވެފައި ވާ ވާހަކަތަކާ ގުޅިގެން ރައީސް ޔޫން ތަފްސީލު ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކެއް ހުރި ކަމަށެވެ. އެ މައްސަލާގައި ރައީސް ޔޫން ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެދެއްވަން ޖެހޭ ކަމަށް އެ މީހުން ބުނެއެވެ.
ކަން އެހެން އޮތް ނަމަވެސް، ޔޫންގެ އޮފީހުން އަދި އެއްވެސް އިޖާބައެއް ދީފަ ނެތެވެ. އެހެނއް ކަމަކު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި، މި މައްސަލާގައި ޔޫން އެއްޗެއް ވިދާޅުވާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފެޝަންގެ ދުނިޔޭގައި ނަން ހިނގާ ބްރޭންޑެއްގެ، އަގު ބޮޑު ދަބަހެއް، ހަދިޔާއެއްގެ ގޮތުގައި ކިމް ޤަބޫލުކުރައްވާ މަންޒަރު ފެންނަ ވީޑިއޯ ޢާންމު ކުރީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކިމްއަށް ދަބަސް ހަދިޔާ ކުރަމުން، ސިއްރުން އެ މަންޒަރުތައް ރެކޯޑް ކުރި މީހަކީ އުތުރު ކޮރެޔާއާ ގުޅުންތަކެއް އޮންނަ މީހެކެވެ. އަބްރަހަމް ޗޯއީ ނަމަކަށް ކިއާ އެމީހާ ޤައްސީސެއް ނުވަތަ ޕެސްޓަރ އެއް ކަމަށް ބުނާ އެމީހަކީ، އެމެރިކާ ދަރިކޮޅުގެ މީހެކެވެ. އޭނާ ކިމްއާ ބައްދަލުކޮށްފައި ވަނީ، އުތުރު ކޮރެއާއާ މެދު ޔޫން ގެންގުޅުއްވާ ހަރުކަށި ސިޔާސަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށްވެސް އަބްރަހަމް ވަނީ ބުނެފައެވެ.
ކިމްއާއިއެކު ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުމަށްފަހު، ސަރުކާރު ހިންގުމުގައި ކިމްގެ ދައުރު އޮތް ގޮތާ މެދު ކަންބޮޑުވުންތަކެއް އުފެދުނު ކަމަށާ، އެހާ ހިސާބުން ޔޫޓިއުބްގައި ޗެނަލް ހިންގާ ރިޕޯޓަރަކާއެކު މަސައްކަތް ފެށީ ކަމަށްވެސް އަބްރަހަމް ބުނެއެވެ. ކިމް އަށް ދަބަސް ހަދިޔާ ކުރީ ދެވަނަ ބައްދަލުވުމުގައެވެ.
ސަރުކާރުގެ އިސް އޮފިޝަލުންތައް ކޮންޓްރޯލް ކުރާ ގޮތް ފެނިފަ އަހަރެން ހަމަ ހައިރާންވި. ހީވަނީ މަޤާމުތަކަށް މީހުން ޢައްޔަން ކުރުމުގެ ޒިންމާ އޮތް މީހާއޭ ފަސްޓް ލޭޑީއަކީ. އެހެންވެ، އިތުރު ބައްދަލުވުމަކަށް ފުރުޞަތު ލިބިއްޖެއްޔާ، ހެކި އެއްކުރެވޭތޯ އަހަރެން މަސައްކަތް ކުރީ. އެގޮތް މި ގޮތުން ސިއްރު ކެމެރާ ބޭނުންކޮށް، ދެވަނަ ބައްދަލުވުމުގަ މަންޒަރުތައް ރެކޯޑް ކުރީ. ކަލޭމެންނަށް ތި ފެންނަނީ އެ ބައްދަލުވުމުގެ މަންޒަރުތައް.އަބްރަހަމް ޗޯއީ؛ ކިމްއަށް ދަބަސް ހަދިޔާ ކުރި މީހާ
ދެކުނު ކޮރެޔާގެ ފަސްޓް ލޭޑީ ކިމްއަކީ، މީގެ ކުރިންވެސް އިޚްލާސްތެރިކަން ކުޑަވުމުގެ ތުހުމަތު ޢަމާޒުވެ، އެކަމަށް މަޢާފަށްވެސް އެދިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާގެ މަސައްކަތު ތަޖުރިބާގެ އަސްލު އޮޅުވާލާފައި އޮތުމާއި، ޕީއެޗްޑީ ތީސިސްގައި އެހެން ބައެއްގެ މަސައްކަތް ނަކަލު ކޮށްފައި ވާ ކަމަށް ޢިއުތިރާފުވެވަޑައިގެން، 2021 ވަނަ އަހަރު ވަނީ ޢާންމުކޮށް، މަޢާފަށް އެދިވަޑައިގެންފައެވެ.
ޔޫންގެ ރަސްމީ އޮފީހާއި ޕާޓީއާ ދެމެދު "ޑީއޯ ދަބަހުގެ މައްސަލަ" ހޫނުވެ، އަނެއްކާވެސް އެ ވާހަކައިގެ އަޑު ގަދަވެފައި މި ވަނީ، ފަރަންސޭސި ރަންޏެއް ކަމަށްވާ މަޣީ އޮންޓުއަނޭޓްއާއި ފަސްޓް ލޭޑީ ކިމްއާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ދޭހަވާފަދަ ގޮތަކަށް، ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރެއް ކަމަށް ވާ، ކިމް ކިޔުންގް-ޔުލް ވާހަކަތަކެއް ދެއްކެވި ހިސާބުންނެވެ.