ތިލަފުށީ ކޯޕްރޭޝަނާއި ގުޅީފަޅު އިންޑަސްޓްރިއަލް ލިމިޓެޑް އެއްކޮށްލައިގެން އުފައްދާފައިވާ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނީގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނިން އެކަން ހާމަކޮށްފައި ވަނީ ރާއްޖެެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ)އެވެ.
ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ތަފާތު އެކި ނަންނަމުގައި, ތަފާތު އެކި އެގްރިމެންޓްތަކުގެ ހަދައި، ކުންފުނީގެ ތެރޭގައި "ވައްކަން ކޮށްފައިވާ" ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުންފުންޏަކީ ބިން ކުއްޔަށްދީގެން އާމްދަނީ ހޯދާ ކުންފުންޏަކަށްވާއިރު، އެ ކުންފުނީގެ މާކެޓިންގއަށް މަހަކު އެތައް ލައްކައިން ހަރަދުކޮށްފައިވާ ކަމަށާއި އެފަދަ ކުންފުންޏެއް ބޮޑު ހަރަދެއްކޮށްގެން މާކެޓް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ އެންމެ ފަހުން އެ ކުންފުނިން 11 ބިން ކުއްޔަށް ދިނުމަށް އިއުލާން ކޮށްފައި އޮތީ ނިމިދިޔަ އަހަރުގެ ޖޫން، ޖުލައި ހިސާބުގައި ކަމަށާއި ބިން ހޯދުމަށް 53 ނުވަތަ 63 ފަރާތުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
"ހުށަހަޅާފައި ހުރި އަގުތަކުގެ ތެރޭގައި އެބަހުރި އަކަފޫޓަކަށް 14 ރުފިޔާ 11 ރުފިޔާ، 12 ރުފިޔާ، ހުށަހަޅާފައި. ތިލަފުށީގެ އެވަރޭޖް ކުލީގެ ގޮތުގައި 2 ރުފިޔާ 3 ރުފިޔާ ބިމުގެ އަކަފޫޓަކަށް ހުރީ. އެހެން ނަމަވެސް އެންމެ ފަހުން ހުޅުވާލި ބިންތަކުގެ އަގުތަކުގައި ހުށަހެޅިފައި އެބަހުރި 14 ރުފިޔާއާ ހަމައަށް." އިބޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ ވިޔަފާރިއަށް ޑިމާންޑު އެބަ އޮތް ކަމަށާއި ނަމަވެސް ލިބުނު ފައިސާތައް ފެންނަން ނެތް ކަމަށެވެ. ކުންފުނީގެ ބައެއް މުއައްޒަފުންނާ ހަވާލާދީ އޭނާ ވިދާޅުވީ ނާޖާއިޒު ގޮތުގައި ކެންޕޭން އޮފީސްތަކަށާއި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ކެމްޕޭން އޮފީހަށް ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރުގެ ޖޫން މަހު މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ސްޕަންސާގެ ގޮތުގައި އެ ކުންފުނިން ދޫކޮށްފައިވާ ކަމަށެވެ. ސިޓީއެއް އެ ކުންފުންޏަށް ހުށަހެޅުމަށްފަހު، ގަނޑުކޮށް، ސްޕޮންސާގެ ގޮތުގައި ފައިސާ ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން "އަބްދުއްރަހީމް ފައުންޑޭޝަނަށް" ގިނަ އަދަދެއްގެ ސްޕަންސަރ ދޫކޮށްފައިވާކަން އިބްރާހިމް ރަޝީދު ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ދަންނަވާލާނަން މިސާލެއްގެ ގޮތުން ބޮޑެތި އަދަދުތަކުން ދޫކޮށްފައި އެބަ ހުރި އިނގޭތޯ އަބްދުއްރަހީމް ފައުންޑޭޝަނަށް ސްޕަންސަރ. މިތަނުން ފައިސާ ބޮޑެތިކޮށް. ގަނޑުކޮށް. އަބްދުއްރަހީމް ފައުންޑޭޝަނަށް ލާރި ދޫކޮށްފައި. މިކަހަލަ ގޮތަކަށް އެވްރެޖް އަޅުގަނޑު ބަލާލާއިރުގައި އަހަރު ދުވަހުގެ ތެރޭގައި ދުވާލަކަށް ސްޕަންސަރއަކަށް ގިނައިން މި ކުންފުނިން މިދިޔަ އަހަރުގެ ތެރޭގައި ސްޕަންސަރ ދޫކޮށްފައި އެބަހުރި،" އިބޫ ވިދާޅުވިއެވެ.
ކުންފުނީގެ ކެޕޭސިޓީއަށްވުރެ ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައި ވާތީ ކަންބޮޑުވުންފާޅު ކުރައްވާ އޭނާ ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް 140 ޕަސެންޓަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުންޏަށް ވައްދާފައިވާ ކަމަށާއި، އިތުރަށް ނެގި މުވައްޒަފުންގެ ސަބަބުން ކުންފުނިން މުސާރާގެ ގޮތުގައި ބޭރުވާން ނުޖެހޭ އެތައް ހާސް ރުފިޔާއެއް ބޭރުވަމުންދާ ކަމަށެވެ.
"އަޅުގަނޑަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި އިތުރު މުއައްޒަފުންނާއި ދޭތެރޭގައި އަމަލު ކުރާނީ ކިހިނެތްތޯ. އަޅުގަނޑު ދެވިސްނުމެއް މިކަމުގައި ގެންގުޅެނީ. އަޅުގަނޑު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުން އެއީ އެންމެ ފަހުގެ އޮޕްޝަން. އަޅުގަނޑު މިހާރު މި މަސައްކަތް ކުރަނީ މަސައްކަތް އިތުރު ކުރުކުރަން،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ކުންފުނީގެ ހުރިހާ ކަމެއް ގޮސްފައި ހުރީ ވަރަށް ދޯދިޔާކޮށްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 123 މިލިއަނަށްވުރެ ގިނަ ފައިސާ ނުލިބި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ ކުންފުނިން ހަދާފައި ހުރި ހަރުކަށި އެގްރިމެންޓްތަކެއްގެ ސަބަބުން ކުދި، މެދު ފަންތީގެ ވިޔަފާރިތައް 85 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ކުންފުނި ހިންގާފައި އޮތީ ދުރުރާސްތާ ޕްލޭނެއް ނެތި ކަމަށާއި، ނަމަވެސް އެ ކުންފުނީގެ ހަރަދާ އަޅާ ބަލާއިރު އާމްދަނީގެ ގޮތުގައި ބޮޑު އެއްޗެއް ލިބޭތީ ކުންފުނި ދަރަނިވެރިވެފައި ނުވާ ކަމަށެވެ. ކުންފުނީގެ މާލީ ހާލަތު ރަނގަޅު ނަމަވެސް ކުންފުނި އޮތީ އޮންނަން ޖެހޭ ހިސާބުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ތިލަފުށީ ކޯޕަރޭޝަނާ ގުޅިފަޅު އިންޓަސްޓްރިއަލް ލިމިޓެޑް އެއްކޮށްލައިގެން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ނުވަތަ ޖީއެމްއައިޒެޑްއެލް އުފައްދާފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި މިއަހަރުގެ މާޗު މަހުގެ 21ގައެވެ.