އެމްޑީޕީ ޕްރައިމަރީގައި ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލެއްވި ދެ ކެންޑިޑޭޓުންގެ ފަރަގު ކުޑަވުމުން، މާލޭގައި ބެހެއްޓި ފޮއްޓާއި ތިނަދޫގައި ބެހެއްޓި ފޮށި އަލުން ގުނުމުން ވެސް، ނަތީޖާ ބަދަލެއް ނުވިއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ދެ ވޯޓުގެ ތަފާތުން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރު ކުރެއްވީ އަބްދުﷲ ސަނީފެވެ. ދެ ވޯޓުގެ ތަފާތުން ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ޒިފްލީނާ ހަސަންނެވެ.
![](https://dyncz33htw1ec.cloudfront.net/posts/1548082838.jpg)
ދެ ކެންޑިޑޭޓުންގެ ދެމެދުގައި ދެ ވޯޓުގެ ފަރަގެއް އުޅޭތީ، އެމްޑީޕީ އިންތިހާބާ ބެހޭ ކޮމެޓީން ވޯޓު އަލުން ގުނަން ނިންމައި، ހޯމަ ދުވަހުގެ ހަވީރު ވަނީ ގދ. ތިނަދޫ އާއި މާލޭގައި ވޯޓު ފޮށިތައް ކަނޑައި، އަލުން ގުނާފައެވެ. ކެންޑިޑޭޓުންގެ އޮބްޒާވަރުންގެ ހާޒިރުގައި މާލޭގައި ވޯޓު ފޮށި ގުނީ އެމްޑީޕީގެ އޮފީހުގައެވެ. ތިނަދޫގައި ވޯޓު ފޮށި ގުނީ ތިނަދޫ އެމްޑީޕީ ހަރުގޭގައެވެ.
ވޯޓު ފޮށިތައް އަލުން ގުނުމުން ސަނީފަށް ލިބުނީ 389 ވޯޓެވެ. ޒިފްލީނާއަށް ލިބުނީ 387 ވޯޓެވެ. ބާތިލު ވޯޓުގެ އަދަދަކީ ނުވައެކެވެ. އެއީ މިދިޔަ ހުކުރު ދުވަހު އިއުލާން ކުރި އެމްޑީޕީ ޕްރައިވަރީގެ ވަގުތީ ނަތީޖާއިން، ނުކުތް ނަތީޖާއެވެ.
އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު ޕްރައިމަރީ ބާއްވާފައި ވަނީ 77 ދާއިރާގައެވެ. އެ ދާއިރާތަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އެމްޑީޕީގެ 78،738 މެމްބަރުންގެ ތެެރެއިން، 62 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.