ގޭންގުތަކުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ވަކި ގޮތަކަށް ހުކުމް ކުރާ ކަމަށް މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކުރެއްވި ތުހުމަތާ ގުޅޭ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލައިފިއެވެ.
ކްރިމިނަލް ކޯޓުން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ވަނީ ގޭންގްތަކާއި ފަނޑިޔާރުންނާ އޮތް ގުޅުން ހެކިތަކާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ހިއްސާކޮށްފައިވާނެ ކަމަށް ސުއޫދު ވިދާޅުވެފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ސުއޫދު ދެއްކެވި ވާހަކަ ބެލުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެ މައްސަލަ ބެލުމަށް ފަސް ގާޒީންގެ ބެންޗެއް އެކުލަވާލައި، އެ މައްސަލައިގެ އިޖުރާއީ އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރު ފަހު 2:00 އަށް އެ ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވެއެވެ.
ނަމަވެސް އެ ގާޒީންގެ ބެންޗުގައި އެކުލެވޭ ބޭފުޅުންގެ ނަމެއް އެ ކޯޓުން ހާމައެއް ނުކުރެއެވެ.
ކްރިމިނަލް ކޯޓަށް ސުއޫދު ކުރެއްވި ބައެއް ތުހުމަތުތައް:
- މުވައްޒަފުންނާއި ފަނޑިޔާރުން ގުޅިގެން މަރުގެ ދައުވާތައް ސާބިތެއް ނުކުރުން
- ހެކިންނަށް ނުފޫޒު ފޯރުވުމަށް އެހީތެރިވުން
- ޓެރަރިޒަމް މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްލުން
- ބަންދުކުރަން އެދޭ މީހުން ބަންދު ނުކުރުން
- ބަންދު ކުރަން ނުޖެހޭ މީހަކު ބަންދު ކުރުން
މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ރައީސް އޮފީސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.