މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބަރ ޕާޓީ) ގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕާޓީ ރަޖިސްޓްރީ ކުރުން ރަސްމީކޮށް އިއުލާން ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޭބަރ ޕާޓީގެ ތަރުޖަމާނު މައުރޫފް ޒާކިރް ވިދާޅުވީ 10 ނުވަތަ 15 ދާއިރާއަށް ކުރިޔަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ ލޭބަރ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިވާ ހުރިހާ ފަރާތްތަކަކަށް ވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ލޭބަރ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލައްވާ ފަރާތްތައް ހޮވާނީ އެ ޕާޓީގެ ލީޑަރޝިޕް ކައުންސިލުން ކަމަށާއި، ޓިކެޓު ދިނުމުގައި ޕާޓީގެ އުސޫލުތަކާއި ފިކުރާއި އެއްގޮތަށް މަސައްކަތް ކުރެވޭނެ މީހެއްތޯ ބަލާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
"ފުރުސަތު އަޅުގަނޑުމެން ދޭނީ ޕާޓީގެ ތެރޭގައި ޕާޓީގެ ލީޑަރޝިޕް ކޮމިޓީގައި ކުރެވޭ މަޝްވަރާތަކެއްގެ މަތިން. އަދި އޭގެ އިތުރުން ޕާޓީގެ ސިޔާސަތުކާއި ޕާޓީގެ ފިކުރާއި އަސާސްތަކާއި ފުށުނާރާ ގޮޕތުގ މަތިން، އެފަދަ އިންޓެގްރިޓީ ހުރި ފަރާތްތަކަށް ޕާޓީގެ ފަރާތުން އެ ފުރުސަތު ދޭން ނިންމާފައިވަނީ" މައުރޫފް ވިދާޅުވިއެވެ.
މިހާތަނަށް އެ ޕާޓީގެ ޓިކެޓު އެރުވިފައި ވަނީ އާދަމް ޝިފާއުއަށެވެ. ޝިފާއު ލޭބަރ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނީ މަޖިލީހުގެ މިލަންދޫ ދާއިރާގެ ގޮނޑިއަށެވެ.
މީގެ އިތުރުން ލޭބަރ ޕާޓީއިން ކުރިމަތިނުލާ ދާއިރާތަކުގެ ގޮނޑިތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން، އެ ޕާޓީގެ ލީޑަރޝިޕް ކޮމިޓީއަށް ފެންނަ ފަރާތްތަކެއް އެ ޕާޓީ އިން އެންޑޯސް ކުރާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ އެންޑޯސް ކުރުމުގައި ވަކި ޕާޓީއަކަށް ފިކުރަކަށް ބެލުމެއް ނެތި، މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތްކޮށް ނުވަތަ މަސައްކަތްތެރިންގެ ހައްގުތަކަށް ބުރޫނާރާ ގޮތަށް ކަންކަން ކުރައްވާފައިވާ ބޭފުޅުންތޯ ބަލާނެ ކަމަށެވެ.
"މަސައްކަތްތެރިންގެ ހައްގުގައި، މަސައްކަތްތެރިންގެ ހައްގުތަކަށް ފާއިތުވި ތަނުގައި އަރައިގެންފައި ނުވާ، މަސައްކަތްތެރިންގެ ހައްގުތަކަށް އިހުތިރާމްކޮށް، އިންޓެގްރިޓީ ހުރި މި ޕާޓީގެ ލީޑަރޝިޕް ކޮމިޓީއަށް ފެންނަ ފަރާތްތަކަކަށް މި ޕާޓީއިން ތާއީދު ކުރާނެ. އެ ފަރާތަކި ކޮންމެ ސިޔާސީ ޕާޓިއެއްގައި ހުރި، ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި ފަރާތެއް ކަމުގައި ވިޔަސް ވެސް، އެ ފަރާތަކަށް މި ޕާޓީއިން ތާއީދުކުރުމުގެ ފުރުސަތު އެބައޮތް" މައުރޫފް ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އުފައްދާފައިވާ މޯލްޑިވިއަން ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ ވާތުފިޔައިގެ މެދުމިނުގެ (ސެންޓަރ ލެފްޓް) ސިޔާސީ ފިކުރުގެ ޕާޓީއެކެވެ. ލޭބަރ ޕާޓީ ހިމެނޭ ގޮތަށް ރާއްޖޭގައި މި ވަގުތު އަށް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.