ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުލްރައްޒާޤު ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ވާހަކަދައްކަވަމުންނެވެ.
ހޯމަ ދުވަހު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ޢުމަރު އަބްދުއްރައްޒާޤު ވިދާޅުވީ ރާއްޖެއާއި ލަންކާއާއި ދެމެދުގައިވާ ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އިތުރަށް ބަދަހިކުރުމަށް ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެކަމަށެވެ.
އާ ސަފީރު އިތުރަށް ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށާއި، ޚާއްސަކޮށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ދިވެހީން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސަފީރު ވިދާޅުވީ ރާއްޖެއާއި ލަންކާއާއި ދެމެދުއޮތް ސިޔާސީ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިބައްދަލުވުމުގައި ނައިބް ރައީސް ފައިސަލް ވިދާޅުވީ ލަންކާއާއި ރާއްޖެއާއި ދެމެދު އޮތީ ވަރުގަދަ ގުޅުމެއް ކަމަށާއި، އެގުޅުން އުމަރު އަބްދުލްރައްޒާޤުގެ އެހީތެރިކަމާއެކު އިތުރަށް ވަރުގަދަވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކޮށް ވާހަކަފުޅު ދައްކަވާފައެވެ. ޚާއްސަގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމަށް ފައިދާވާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.