މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމަށްފަހު އެޕާޓީގެ ރަޖިސްޓްރީ މިއަދު ހަވާލުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގައި އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެލްއެސްޑީޕީގެ ރަޖިސްޓްރީ އެޕާޓީއާ ހަވާލުކޮށްދެއްވީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެވެ. އެމްއެލްއެސްޑީޕީގެ ފަރާތުން ރަޖިސްޓްރީއާ ހަވާލުވެވަޑައިގަތީ އެޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީން އެވެ.
ލޭބަރ ޕާރޓީ އުފެއްދުމުގެ ހުއްދަ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދިނުމާ ގުޅިގެން އެޕާޓީއަށް 3000 މެންބަރުން ހަމަކޮށް، ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ. އަދި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ވަނީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ކުރިން ބާއްވަންޖެހޭ އެޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމަށްފަހު ޕާޓީގެ ކުލަ އާއި ލޯގޯ ފާސްކޮށްފަ އެވެ.
މީގެއިތުރުން މިޖަލްސާގައި ވަނީ ލޭބަރ ބާޓީގެ ވަގުތީ ހިންގާ ކޮމިޓީއަށް 15 މެމްބަރުން އިންތިޚާބު ކޮށްފައެވެ. އަދި މިކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވި 8 މެންބަރުންގެ އިއްތިފާގުން ވަނީ އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ސ. މީދޫ. ރެޑްހައުސް، އަހްމަދު ޝިހާމް އައްޔަންކޮށްފަ އެވެ.
ލޭބަރ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެލައްވަމުން ގެންދަވާ ހަސީން ވިދާޅުވީ އެޕާޓީގެ މުހިއްމު މަޤްސަދަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދީ ހައްގުތައް ކަށަވަރުކުރުން ކަމަށެވެ. އެގޮތުން ރިސޯޓް މުވައްޒަފުންނާއި، ސީފެއަރާސް ނުވަތަ ބޯޓް ދަތުރުކުރާ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދީ، ޕައިލެޓުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށާއި، ޕާޓީގެ މަގުސަދަކީ ހުރިހާ މަސައްކަތްތެރިންގެ އަޑު އިއްވައި އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރެއްވުމަށް ކަމަށްވެސް ހަސީން ވިދާޅުވި އެވެ.
އެމްއެލްއެސްޑީޕީ ރަޖިސްޓްރީ ކުރުމުން ސިޔާސީ ޕާޓީގެ ދަފްތަރުގައި މިހާރު ހިމެނެނީ 8 ސިޔާސީ ޕާޓީ އެވެ. އެއީ އެމްއެލްއެސްޑީޕީގެ އިތުރުން އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އަދާލަތު ޕާޓީ، އެމްޑީއޭ، އެމްޓީޑީ އަދި ޑީއާރްޕީ އެވެ.