ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ގާއިމް ކުރާ 7000 ހައުސިން ޔުނިޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ ބައެއް އެޕާޓްމަންޓްތަށް ތިން ކޮޓަރިއަށް ބަދަލު ކުރަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ 550 އަކަފޫޓުގެ ދެކޮޓަރީގެ އެޕާޓްމަންޓްތަކަކީ އުޅެން ހެޔޮވާވަރުގެ ތަންތަން ނޫންކަމަށެވެ. އެހެންކަމުން އެތަންތަން ތިން ކޮޓަރިއަށް ބަދަލު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
"...އޭގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޓިޕިކަލް ދިވެހި ފެމެލީއަކަށް ކޮމްޕޮޒިޝަން ކަމަށް ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް. އެއަށް ސަރުކާރުގެ ލަފަޔާއި އެކު ދެކޮޓަރީގެ އެޕާޓްމަންޓްތައް ތިން ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ،" ސުހައިލް ވިދާޅުވިއެވެ.
ދެކޮޓަރީގެ އެޕާޓްމަންޓްތައް ތިން ކޮޓަރިއަށް ބަދަލުކުރާއިރު، ކުރިން ދޭން ނިންމި އެޕާޓްމަންޓްތަކުގެ އަދަދު މަދުވެގެންދާނެއެވެ. އެޗްޑީސީން ނިންމާފައިވަނީ އެތަންތަނުގެ ސްޓްރަކްޗާއަށް ބަދަލު ނުގެނެސް އެޕާޓްމަންޓްތައް އިތުރު ކުރުމަށެވެ. މިސާލަކަށް ތިން އެޕާޓްމަންޓުން ދެ އެޕާޓްމަންޓަށް ބަދަލުކުރުމެވެ. އެހެން ކަމަށްވާނަމަ ކުރިން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ހުރިހާ ފަރާތްތަކަށް ފްލެޓް ނުލިބޭނެއެވެ.
ސުހައިލް ވިދާޅުވީ ސޯޝަލް ހައުސިން ޔުނިޓަކީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވާތީ ފްލެޓް ނުލިބޭ ފަރާތްތަކަށް ފްލެޓް ލިބުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި އޮންނާނެ ކަމަށެވެ. ތިންކޮޓަރިއަށް ބަދަލުކުރަން ނިންމީ ކުރިން ދޭން ނިންމި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ އުޅެން އެކަށީގެންވާ ތަނަށް ނުވާތީ ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި އެކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް މާކެޓަށް ނެރުން ކަމަށް ވިދާޅުވިއެވެ.
"ސޯޝަލް ހައުސިން ޕްރޮޖެކްޓަކީ އޮންގޮއިން ޕްރޮޖެކްޓެއް، ވާހަކައަކީ މިހިސާބުން ނިމުނީކީ ނޫން. އެހެން ނަމަވެސް އަޅުގަނޑަށް ހީވަނީ އެތަންތަން ލިބިގަންނަން ތިބި ފަރާތްތަކުން ވެސް އެޕްރިޝިއޭޓް ކުރާނެ ކަންނޭނގެ އުޅެން އެކަށީީގެންވާ ތަނެއް ލިބުން. މިހާރު ހައުސިން ނީޑަކީ އަސްލުގައި ވަރަށްގިނަ ފަރާތުގައި އޮތް ނީޑެއް.. އަޅުގަނޑުމެން މިއުޅެނީ އެތަނުގައި އުޅެން އެކަށީގެންނުވާ ތަނެއް ކްރިއޭޓް ކޮށްގެން ނީޑް ފުރިހަމަ ކުރުމެއް ނޫން. އުޅެން ހެޔޮވާވަރުގެ ތަނަކަށް ވާންޖެހޭ" އޭނާ ވިދާޅުވިއެވެ.
އެޗްޑީސީން ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ތިން ކޮޓަރިއަށް ބަދަލުކުރަން ނިންމާފައިވާއިރު ސަރުކާރު ބަދަލުވާން ކުޑަތަންވެފައި ވަނިކޮށް ނިމިދިޔަ ސަރުކާރުން ވަނީ 7000 ފްލެޓް ލިބުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ދޫކޮށްފައެވެ. ނަމަވެސް އާ ސަރުކާރު ހުވާކުރަން އޮތް ދުވަހު ލިޔުން ދޫކުރުން ހުއްޓައިލިއެވެ. އާ ސަރުކާރާއިއެކު ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ނުހައްގުން ފްލެޓް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ބެލުމަށް ހައުސިން މިނިސްޓްރީން މިހާރު ވަނީ ކޮމިޓީއެއް އުފައްދާފައެވެ. އެ ކޮމެޓީން ހިޔާ މަޝްރޫއުގައި މައްސަލަތަކެއް އުޅޭތޯ ބަލައި ދިރާސާ ކުރަމުންދާ ކަމަށާއި ފްލެޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ނަމަ ކޮމެޓީން ނިންމާ ގޮތަކަށް ކަންތައްތައް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ސުހައިލް ވިދާޅުވީ އެޕާޓްމަންޓް ނުލިބޭ ފަރާތްތައް ނިންމާނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮމިޓީއިން ބެލުމަށްފަހު ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށްދާތީ ވަކި އެއްޗެއް ވިދާޅުވާން އެނގިނުލައްވާ ކަމަށް ވިދާޅުވިއެވެ.
7000 ހައުސިންގ ޔުނިޓްގެ މަސައްކަތް މި އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި ނިމި އެތަންތަނަށް ވަދެވޭވަރު ވާނެކަމަށް ކޮންޓްރެކްޓަރުންނާ ހަވާލާދީ އެޗްޑީސީން ބުނެފައިވާކަމަށް މީގެ ކުރީ ސަރުކާރުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ސުހައިލް ވިދާޅުވީ ހައުސިން ޔުނިޓްތައް އެ ކޯޕަރޭޝަނާއި ހަވާލު ކުރުމަށް ނިންމާފައިވާ ތާރީޚަކީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.