ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު ފުރާވަޑައިގެންފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެމެރިކާއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ އިސް އޮފިޝަލުންނާއި ވޮޝިންޓަންގައި ބަައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއާއި އެމެރިކާއާއި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާއި، އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭ ބަހުސެެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާއި އދ. އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލްއާއި އެޖަމާއަތުގެ އިސްވެރިންނާއިވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތްގައި ރާއްޖެ އަލުން ބައިވެރިވުމަށް އެދިފައިވުމާއި އެކު އެމަސަކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން އެއޮފީހުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ޔޫއޭއީއަށެވެ. މި ދަތުރުފުޅުގައި އެގައުމުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ޝާހިދު ވަނީ މިދިޔަ ހަފްތާގައިވެސް ރައީސް ސާލިހުގެ އަރިހުގައި ޔޫއޭއީއަށް ވަޑައިގަންނަވާފައެެވެ.
މިނިސްޓަރ ޝާހިދު މިއަދު ވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ދޫރިސްއާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތާއި އަލުން ގުޅުމާއި ގުޅޭގޮތުންނާއި، ރާއްޖެއާއި އިނގިރޭސިވިލާތާއި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ތައުލީމީ ދާއިރާއާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމްއާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގަންނަވައެވެ.