ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ އިބްރާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭ 20:30 ހާއިރުކަމަށެވެ. ނަމަވެސް އިބްރާ ހާޒިރުކުރީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމައެއް ނުކުރޭ އެވެ.
އިބްރާ، ހާޒިރުކުރި މައްސަލަ ހާމަނުކުރި ނަމަވެސް، އޭނާ ކުރި ޓުވީޓެއްގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އިބްރާހިމް އިސްމާއިލް ކުރި ޓުވީޓްގައި އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ހިމެނޭކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އާދިއްތަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެސް ވަނީ އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާ ފަރާތްތައް ހޯދައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެކަންތައްތައް ހުއްޓުވުމަށް މަސަތްކަތްކުރާނެކަމަށް ބުނެފަ އެވެ. އަދި ފަހަކަށް އައިސް ބައެއް މީހުންގެ ފަރާތުން ސޯޝަލް މީޑީއާ އާއި ނޫސް މަޖައްލާތަކުގެ ނާޖާއިޒު ފައިދާ ނަގައި އިސްލާމްދީނާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާކަމަށާއި، އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ދީނާ ހިލާފު ވާހަކަތައް ދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުންގެ އިދާރާއިންވެސް މީގެކުރިން ދީފައިވެއެވެ. އަދި ބައެއް ފަރާތްތައް ހާޒިރުކޮށް، ސުވާލުކޮށް، ނަސޭހަތްވެސްދީފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.