ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް އުފެއްދެވި ޓްރާންސިޝަނަލް އޮފީހުގެ ފަރާތުން އެކުލަވައިލައްވާފައިވާ ޓްރާންސިޝަނަލް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް އަރުވައިފިއެވެ.
އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރިފޯޓް ރައީސް ސޯލިހަށް އެރުވީ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަޙްމަދު ލަޠީފެވެ.
ޓްރާންސިޝަނަލް ރިޕޯޓް ތައްޔާރުކޮށްފައިވަނީ ޓްރާންސިޝަނަލް އޮފީހުން އެކުލަވާލެއްވި ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި އެކިއެކި އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ހޯއްދަވައިފައިވާ މަޢުލޫމާތު ތަކުގެ މައްޗަށް ބިނާ ކުރައްވައިގެންނެވެ.
މި މަސައްކަތާއި ގުޅޭ ގޮތުން އެކަމުގައި ހަރަކާތްތެރިވި ކޮމިޓީތަކުން މީގެކުރިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ޓްރާންސިޝަނަލް ކޮމިޓީތަކުގެ މަސައްކަތަށް ބައެއް ވުޒާރާތަކުން އެއްބާރުލުން ދީފައިވާއިރު ބައެއް ވުޒާރާތަކުން އެ މަސައްކަތަށް އެއްބާރުލުން ދީފައެއް ނުވެއެވެ.