މާލޭ ގެއެއްގެ 5 ވަނަ ފަންގިފިލާއިން އެގޭގެ ކައިރީގައި ހުރި ތަނެއްގެ ފުރާޅެއްގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ފުރާޅު މައްޗަށް ވެއްޓިފައިވަނީ 14 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި، އެހާދިސާ ފުލުހުންނަށް ރިޕޯރޓުކޮށްފައިވަނީ އާދިއްތަ ދުވަހު މެންދުރު 14:06 ހާއިރު ކަމަށެވެ.
އެކުއްޖާއަށް އައިޖީއެމްއެޗްގެ އެމަރޖެންސީގައި ދަނީ ފަރުވާދެމުންނެވެ.
މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، ހުޅުމާލޭ ގެއެއްގެ ޓެރަސް މަތީގައި ވެއްޓިފައި އޮތް މީހަކު މިއަދު މެންދުރު 13:10 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުޤީޤުކުރަމުންނެވެ.